ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް މޭ މަހަށް ފަސްކޮށްފި


ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރުގެ މޭ މަހަށް ފަސްކޮށްފިއެވެ. 

މިއަހަރުގެ ޑިސެމްބަރ މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ކުރިން ނިންމާފައިވާ މިމުބާރާތް ފަސްކުރީ އިންޑިއާގެ އެދުމުގެ މަތިންނެވެ. އިންޑިއާގައި މިއަހަރު ފީފާ 17 އަހަރުން ދަށުގެ ވަރލްޑްކަޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާތީ އެޤައުމުން ވަނީ ސުޕަރ ލީގު ލަސްކޮށްފައެވެ. އޮގަސްޓް މަހު 17އަހަރުން ދަށުގެ ވަރލްޑްކަޕް އިންޑިއާގައި ކުރިއަށްދާއިރު، ސުޕަރ ލީގު ކުޅޭނީ ޑިސެމްބަރ މަހު ކަމަށް ބެލެވެއެވެ. 

ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަނުން މުބާރާތް އަންނަ އަހަރަށް ފަސްކުރިއިރު، ބަންގްލަދޭޝްގައި މުބާރާތް ފަށާނީ މޭމަހުގެ އެއްވަނަ ދުވަހުއެވެ. އަދި މުބާރާތް ނިންމާނީ މޭ 12ވަނަ ދުވަހުއެވެ. އެންމެ ފަހުން ސާފް ޗެމްޕިއަންޝީޕް ބާއްވާފައިވަނީވެސް އިންޑިއާގައެވެ. އެފަހަރު މުބާރާތް ކާމިޔާބުކުރީވެސް އިންޑިއާކަން ފާހަގަކޮށްލެވެއެވެ. 

ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާނީ ސާކުގެ ހަތް ޤައުމެވެ. މީގެ ކުރިން މިމުބާރާތުގައި ވާދަކުރަމުން އައި އަފްޤާނިސްތާން ވަނީ ސާފް ޗެމްޕިއަންޝިޕުން ވަކިވެފައެވެ.