 
					
									
			
 
 
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ނިލަންދެއަތޮޅު ދެކުނުބުރީ މީދޫގެ ބިން ހިއްކުމުގެ މަޝްރޫޢު މިއަދު ފަށްޓަވައިދެއްވައިފިއެވެ. މި މަޝްރޫޢު ފަށްޓަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މީދުއަށް ވަޑައިގަތީ، މިއަދު ހަވީރުއެވެ.
 
 
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި،އެމަނިކުފާނު މިއަދު މީދުއަށް މި ވަޑައިގަތީ، މީދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ހަދިޔާ، މީދޫގެ ރައްޔިތުންނަށް އެރުވުމަށް ކަމުގައި ވިދާޅުވިއެވެ. މީދޫގެ ރައްޔިތުން މި އިންތިޒާރުގައި ތިއްބަވާތާ 20 އަހަރަށްވުރެ ދިގު މުއްދަތެއްވެއްޖެކަން ފާހަގަކުރައްވަމުން، ރައްޔިތުންގެ އިޙްސާސްތައް ގުޅިފައިވަނީ، ރައްޔިތުން ބޭނުންވާ ތަރައްޤީއާ ހަމައަށް ވާޞިލުވުމުގައި ހުރި ދަތިތަކާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރާ ހަވާލުވެގެން ވަޑައިގަތީ، ރާއްޖެއަށް ތަރައްޤީ ގެންނެވުމަށް ކަމަށާއި، ރާއްޖޭގައި ހުރި މަދު ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖެއަށް ތަރައްޤީ ގެނެވޭނެކަން އަޅުގަނޑުމެންނަށް އެބަ އެނގޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މީދޫގެ ބިން އިތުރުވެގެން ދިޔައިމާ، މީދުއަށް ބޭނުންވާ ހުރިހާ ކަމެއް ފުދިގެންދާނެ ކަމަށް ވިދާޅުވެ، މި އިތުރުކުރެވޭ ބިމުގެ ބޭނުން، މީދޫގެ ރައްޔިތުން ފުރިހަމަ ގޮތުގައި ހިއްޕެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި މީދުއަށް އިތުރުވެގެންމިދާ ބިމަކީ، މީދޫގެ ރައްޔިތުން މި ބިމުން އިޤްތިޞާދީ މަންފާއާއި، އިޖުތިމާޢީ އެހެން ދާއިރާތަކުން ބޭނުންވާ ނަފާ ހޯއްދެވޭނެ ބިމަކަށް ހައްދަވައި ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ. 
 
ސަރުކާރުން ކުރައްވަމުން ގެންދަވާނީ، ރައްޔިތުންނަށް އިޚްލާޞްތެރި މަސައްކަތްތައްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މި ސަރުކާރަކީ، އިޤްތިޞާދީ ގޮތުން ރާއްޖެއަށް ދަތިވެފައިވާ ހުރިހާ ކަމެއް ފިލުވައިދިނުމަށްޓަކައި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރާނޭ ސަރުކާރެއް ކަމަށްވެސް ވިދާޅުވިއެވެ. 
 
ރައީސުލްޖުމްހޫރިއްޔާ މިއަދު މި ފަށްޓަވައިދެއްވި މީދޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 17.5 ހެކްޓަރުގެ ބިން ހިއްކޭނެއެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކުރައްވާފައިވަނީ، ނެދަރލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ބޮސްކާލިސް އިންޓަރނޭޝަނަލް އާއެވެ. މި މަޝްރޫޢުގެ ދަށުން 485 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށްވަނީ ހަމަޖެހިފައެވެ.
 
 
 
 މީދޫގެ އިތުރުން، ބ.އޭދަފުށްޓާއި، ކ. ތުލުސްދުއާއި، ދ. ކުޑަހުވަދޫގެ ބިން ހިއްކުމުގެ މަޝްރޫޢުވެސް މި ކުންފުނިން ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.