ޚަބަރު

މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަރުޝީފް ދުވަސް


އަރކައިވްޑޭ ނުވަތަ އަރުޝީފް ދުވަސް ވުޖޫދަށް އައިސްފައިވަނީ، ދެހާސް ހަތަރު ވަނަ އަހަރު ވިއެނާގައި ބޭއްވި ބައިނަލްއަޤްވާމީ ކޮންފަރެންސެއްގައި ދެހާހަށްވުރެ ގިނަ ބައިވެރިން، ބައިންލްއަޤްވާމީ އަރުޝީފް ދުވަހެއް ފާހަގަކުރުމަށް އދ.އަށް ގޮވާލުމުންނެވެ.

އެގޮތުން ދެހާސް ހަތަރުވަނަ އަހަރުގެ ތެރޭގައި ބައެއް ޤައުމުތަކުން ދުނިޔޭގެ އަރުޝީފު ދުވަސް ފާހަގަ ކުރަން ނިންމާ، މިދުވަހާއި ބެހޭގޮތުން ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް ހަރަކާތްތަކެއް ހިންގާ ނިންމުންތައް ނިންމުމުގެ ފެންވަރުގައި ތިބޭ ވެރިންނަށް އަރުޝީފު ކުރުން ނުވަތަ އަރކައިވް ކުރުމުގެ މުހިންމުކަން ކިޔާދެވިފައިވެއެވެ.

ފްރާންސްގެ ޕެރިހުގައި ބޭއްވި ޔުނެސްކޯގެ 33 ވަނަ އާންމު ބައްދަލުވުމުގައި ވަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު 27 ވަނަދުވަހަކީ ވޯރލްޑް ޑޭ ފޯރ އޯޑިއޯ ވިޝުއަލް ހެރިޓޭޖް ދުވަހުގެ ގޮތުގައި ހަމަޖައްސާފައެވެ. އަދި މި ދުވަހަކީ، ބައިންލައަޤްވާމީ އޯޑިއޯވިޝުއަލް އަޝްރީފްގެ މުހިންމުކަން އާންމުންނަށް އަންގަދީ، އެފަރާތްތަކަށް މިކަމުގެ މުހިންމުކަން އޮޅުންފިލުވައި ދެއްވުމަށްޓަކައި ފާހަގަކުރައްވާ ދުވަހެއް ކަމުގައި ވަނީ ހަމަޖައްސާފައެވެ.

މި ސަބަބާއި ހުރެ އައި.ސީ.އޭއިން ދެހާސް ހަތްވަނަ އަހަރުގެ ނޮވެމްބަރުމަހު ބޭއްވި އަހަރީ ޢާންމު ބައްދަލުވުމުގައި ނުވައެއް ޖޫންއަކީ ބައިނަލްއަޤްވާމީ އަރުޝީފު ދުވަސް ކަމުގައި ހަމަޖެއްސެވިއެވެ. ނުވައެއް ޖޫން ބައިނަލްއަޤްވަމީ އަރުޝީފް ދުވަހުގެ ގޮތުގައި ހަމަޖެއްސީ، ނަވާރަސަތޭކަ ސާޅީސް އަށްވަނަ އަހަރުގެ ޖޫން މަހުގެ ނުވަވަނަ ދުވަހަކީ ބައިނަލްއަޤްވާމީ އަރުޝީފް ކައުންސިލް އުފެއްދި ދުވަސްކަމަށްވާތީ އެދުވަހާ ދިމާކޮށެވެ. މިއާއެކު މިދުވަސް މުޅި ދުނިޔޭގައި ފާހަގަކުރަން ފެށިއެވެ.  

ބައިނަލް އަޤްވާމީގޮތުން ފާހަގަކުރާ އަރުޝީފް ދުވަސް ނުވަތަ އިންޓަރނޭޝަނަލް އަރކައިވް ޑޭ ފާހަގަކުރުމުގެ ގޮތުން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން މިކަމުގެ މާހިރުން އެއްވެ އަރުޝީފު ކުރުމުގެ މުހިންމުކަމާއި މެދު އަޑު އުފުލައެވެ. އެގޮތުން އަރުޝީފުތަކުގެ މުހިންމުކަމާއި، އަރުޝީފުތަށް އުވުނަނުދީ ދެމެހެއްޓުމުގެ މުހިންމު ކަމާއި މެދު މިކަމުގެ މާހިރުން މިދުވަހުގެ މުނާސަބަތުގައި އަޑު އުފުލައެވެ. 

މި ދުވަހަކީ، ޤައުމުތަކުގައި ފަސްއެޅި ފޮރުވިފައިވާ މުހިންމު ކަންކަން އާންމުންނަށް އަންގައިދީ އެރައްޔިތުންނާއި މިކަންކަމާއި ގާތް ގުޅުމެއް އުފެއްދުމަށްޓަކައި ލިބޭ ވަރަށްމުހިންމު ފުރުސަތެކެވެ.

އަރުޝީފުކުރެވޭ ތަކެއްޗަކީ ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ރައްކާތެރިކަމާއި އެކު ބެހެއްޓުން މުހިންމު ތަކެއްޗެވެ. މިފަދަ ތަކެއްޗަކީ، މިޖީލުގެ ސަޤާފީ އާދަކާދަތަކާއި، އިޖުތިމާއި، އިޤްތިޞާދީ އަދި މާލީ ފެންވަރު އަންގައިދޭ ތަކެއްޗެވެ. މިފަދަ ދުވަހެއްގައި އަރުޝީފުކުރެވޭ ހުރިހާ ގޮތްތަކަކީ ކޮބައިކަން ވިސްނާލާ އަރުޝީފުކުރެވޭ ހުރިހާ ބާވަތެއްގެ ތަކެތި ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން މުހިންމެވެ.