ޚަބަރު

ހައްދުފަހަނައަޅާދިއުމާ ދެކޮޅަށް މަސައްކަތްކުރުމަށް އެއްބަސްވެއްޖެ


ޓެރަރިޒަމް ހުއްޓުވުމާއި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއިއެކު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ލެޓަރ އޮފް އިންޓެންޓްގައި ސޮއިކުރައްވައިފިއެވެ.

އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލެޓަރ އޮފް އިންޓެންޓުގައި އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ފަރާތުން ސޮއިކުރެއްވީ އެ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރެވެ.

މި ލެޓަރ އޮފް އިންޓެންޓުގެ ދަށުން އިސްލާމީ ޔުނިވަރސިޓީއާއި، ކައުންޓަރ ޓެރަރިޒަމް ސެންޓަރު ގުޅިގެން އެކި ދިރާސާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި، ހައްދުފަހަނައަޅާ ދިއުމާއި، ޓެރަރިޒަމް އާއި ދެކޮޅަށް މަސައްކަތް ކުރުމާގުޅޭ ދިރާސާތައް ކުރުމާއި، ތަފާތު ކޮންފަރެންސްތައް ބޭއްވުމާއި، އިސްލާމި ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންނަށް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ މުވައްޒަފުންގެ ފަރާތުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ޓެރަރިޒަމާއި ހައްދުފަހަނައެޅުމާއި، ހަރުކަށި އުސޫލުތަކުގެ މައްސަލައަކީ، ބައިނަލްއަޤްވާމީ މުޖުތަމަޢުވެސް އެކަންކަމާމެދު ކަންބޮޑުވުން އޮތް މައްސަލަތަކެއް ކަމަށާއި، މިފަދަ މައްސަލަތަކުން ދުނިޔެއާއި، ޤައުމާއި މުޅި އިންސާނިއްޔަތުވެސް ސަލާމަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށެވެ.

އެގޮތުން މިފަދަ ކަންކަން ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމަށް އިސްލާމީ ޔުނިވަރސިޓީން ގެންގުޅޭ ސިޔާސަތުތަކުގެ ދަށުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއެކު ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ފިކުރުތަކަށް މީހުން ހުށައެޅެނީ އެފަދަ މީހުންނަށް ކަންކަން އޮންނަގޮތް ރަނގަޅަށް ނޭނގުމުގެ ސަބަބުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ދިވެހި ކޮންމެ މުއައްސަސާއެއްގެވެސް އަދި ހަމައެހެންމެ ކޮންމެ ފަރުދެއްގެވެސް އަމާޒަކަށް ވާންވާނީ ރާއްޖޭގައި ސުލްހާއި، މަސަލަހަތު އޮތުން ކަމަށާއި، ޓެރަރިޒަމާއި ހައްދުފަހަނައެޅުން ފަދަ ބިރުވެރިކަން ރާއްޖެއިން ނައްތާލުން ކަމަށެވެ. އަދި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން މަސައްކަތް ކުރަމުންދަނީ ރާއްޖެއަށް ދިމާވެފައިވާ މިފަދަ ކަންކަން ހައްލުކުރުމަށް މުއްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމަށްކަމަށްވެސް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.