ޚަބަރު

ޔޫއޭއީން ޤަތަރާ ދެކޮޅަށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅު އަޅަނީ


ޢަރަބި ބާރުތަކާ ޤަތަރާ ދެމެދު އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން ޔޫ.އޭ.އީއިން ޤަތަރާ ދެކޮޅަށް އިޤްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދީފިއެވެ. ޓެރަރިސްޓް ޖަމާޢަތްތަކަށް ޤަތަރުން އެހީވަމުންދާ ކަމަށް ބުނެ ޔޫ.އޭ.އީއާ ސައުދީ ޢަރަބިއްޔާ، މިސްރު އަދި ބަހްރައިންއިން ހޯމަދުވަހު ޤަތަރާ ސިޔާސީ ގުޅުންތައް ކަނޑާލާފައިވާ އިރު، ޔޫ.އޭ.އީއިން މިކަމުގައި ވަނީ އެހެން ގައުމުތަކަށް ވުރެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ޢަރަބި ބާރުތަކުން ޤަތަރާ އެކު ގުޅުން ކަނޑާލާފައިވަނީ އެގައުމުން ޓެރަރިސްޓް ޖަމާޢަތްތަކަށް މާލީ އެހީ ފޯރުކޮށްދީ އެފަދަ ޖަމާޢަތްތަކުގެ ފިކުރުތައް ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެއެވެ. މީގެ އިތުރުން އެގައުމުތަކުން ވަނީ ޤަތަރުން އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަމުންދާ ކަމަށާ އެގައުމުގެ ހަރަކާތްތަކުގެ ސަބަބުން ސަރަހައްދުގެ އެހެން ގައުމުތައް ނުރައްކަލުގެ ތެރެއަށް ވައްޓާލާފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައެވެ. 

އެގައުމުތަކުގެ މި ތުހުމަތުތައް ޤަތަރުން ދޮގުކުރެއެވެ. މީގެ ތެރެއިން ބަހްރައިންއާ މިސްރުން އެގައުމުތަކުގައި ތިބި ޤަތަރުގެ ޑިޕޮމެޓުން އެގައުމުތަކުން ފޭބުމަށް ޢަމުރުކޮށްފައިވާ އިރު ބަހްރައިން، ސައުދީ އަދި ޔޫ.އޭ.އީ ވަނީ އެގައުމުތަކުގައި އުޅެމުންދާ އަދި އެގައުމުތަކަށް ޒިޔާރަތް ކުރަމުންދާ ޤަތަރުގެ ރައްޔިތުން ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި އެގައުމުން ފައިބަން ޖެހޭނެ ކަމަށް ޢަމުރުކޮށްފައެވެ. އަނެއްކޮޅުން، ޔޫ.އޭ.އީ ވަނީ ޤަތަރަށް ތާޢިދުކޮށް ނުވަތަ ޢަރަބި ގައުމުތަކުގެ ނިންމުމާ ދެކޮޅަށް ހިޔާލު ފާޅުކޮށް ޝާޢިޢުކުރުމަކީ ޤާނޫނީ ކުށެއްގެ ގޮތުގައި ހަމަޖައްސާފައެވެ. މިގޮތުން، ސޯޝަލް މީޑިއާ ނުވަތަ ޕްރިންޓް އަދި ބްރޮޑްކާސްޓް މީޑިއާ މެދުވެރިކޮށް ވެސް މިފަދަ ހިޔާލުތަކެއް ފާޅުކުރުމަކީ 15 އަހަރުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ކުށެއް ކަން ވެސް ޔޫ.އޭ.އީ ވަނީ ހާމަކޮށްފައެވެ. 

ޔޫ.އޭ.އީ އިން ވަނީ މިމައްސަލައިގައި އެގައުމުން ޤަތަރާ ދެކޮޅަށް އިޤްތިސާދީ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުން ޔޫ.އޭ.އީގެ ޚާރިޖީ ވަޒީރު އަންވަރް ގާރގާޝް ވިދާޅުވީ، ޤަތަރާ ދެކޮޅަށް އިޤްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ޖެހިއްޖެ ހާލެއްގައި މިފަދަ ފިޔަވަޅުތައް އެޅުމަށް ޔޫ.އޭ.އީން ފަސް ނުޖެހޭނެ ކަމަށެވެ. އަދި ހަނގުރާމަވެރި ޖަމާޢަތްތަކަށް ފައިސާ ދިނުމުގައި ޤަތަރުން ގެންގުޅޭ ސިޔާސަތަށް ހަރުދަނާ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ގާރގާޝް ވިދާޅުވިއެވެ. ގާރގާޝް އިތުރަށް ވިދާޅުވީ، ޤަތަރާ ދެކޮޅަށް އަޅާފައިވާ މިފިޔަވަޅުތަކަކީ އެއްވެސް ހާލެއްގައި އެގައުމުގެ ސަރުކާރު ބަދަލުކުރުމުގެ ނިޔަތުގައި އަޅާފައިވާ ފިޔަވަޅުތަކެއް ނޫން ކަމަށެވެ.

އަނެއްކޮޅުން، މި މައްސަލައިގައި މިހާތަނަށް އިވިފައިވާ އެންމެ ހަރުކަށި ވާހަކަތައް ދައްކަވަމުން ބަހްރައިންގެ ޚާރިޖީ ވަޒީރު ޝޭޚް ޚާލިދް ބިން އަހްމަދު ޢަލް ޚާލިފާ ވަނީ ޤަތަރުގެ މައްސަލައިގައި ވަކި ފިޔަވަޅެއް ނާޅާނެއޭ ބުނަން އުނދަގޫ ކަމަށާ ޢަރަބި ބާރުތަކުން އޮތީ މިކަމުގައި ކޮންމެ ފިޔަވަޅެއް އެޅުމަށް ވެސް ތައްޔާރަށް ކަމަށެވެ.

ޤަލްފުގެ ގައުމުތަކުގެ މެދުގައި ޖެހިފައިވާ މައްސަލަތައް ހައްލުކުރުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށް އެމެރިކާއިން ތައްޔާރަށް އޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވާ އިރު، ސައުދީގެ ޚާރިޖި ވަޒީރު ޢަދިލް ޢަލް ޖުބައިރު ވިދާޅުވީ، ޢަރަބި ގައުމުތަކުގެ މިމައްސަލަ ހައްލުކުރުމަށް އެހެން ފަރާތަކުން މެދުވެރިއެއްގެ ރޯލު އަދާ ކުރަން ނުޖެހޭ ކަމަށެވެ. އަދި މިމައްސަލަ އެގައުމުތަކުން އަމިއްލަ އަށް ހައްލުކުރެވޭނެ ކަމަށް ވެސް ސައުދީގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.