ޤަޠަރާއި ގަލްފުގެ ޢަރަބި ބައެއް ގައުމުތަކާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި 24 ގަޑިއިރުގެ ތެރޭގައި 10 ޝަރުތެއް ޤަޠަރުން ފުރިހަމަކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ހުށަހަޅައިފިއެވެ. މިޝަރުޠުތައް ޤަތަރަށް ހުށަހެޅީ މިމައްސަލާގައި މެދުވެރިއެއްގެ ބައި އަދާކުރާ ކުވައިތު މެދުވެރިކޮށް ކަމަށް ޚަބަރު ލިބެއެވެ.
ގަލްފުގެ ތިން ޤައުމު ކަމަށްވާ ސައޫދީ، ޔޫއޭއީ، ބަހްރައިން މި ޤައުމުތަކުން ޤަޠަރާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލުމުގެ އިތުރުން އެޤައުމާދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އެޤައުމުތަކާއެކު ވިޔަފާރިކުރުން ޤަތަރަށް މަނާކުރުމާއި އެޤައުމުތަކުގެ ވަޔާއި ކަނޑާއި އެއްގަމުގެ ސަރަހައްދުތައް ޤަތަރަށް ބޭނުންނުކުރެވޭގޮތަށް ބަންދުކުރުމާއި އެ ޤައުމުތަކުގެ ކަނޑާއި ވައިގެ ބަނދަނރުތައް ޤަތަރަށް މަނާކުރުންވެސް ހިމެނެއެވެ.
މީގެއިތުރުން އެ ޤައުމުތަކުގައި ތިއްބަވާ ޤަޠަރުގެ ޑިޕްލޮމޭޓުން ބޭރުކޮށްލުމާއި ޤަތަރުގެ ޢާންމު ރައްޔިތުންވެސް އެގައުމުތަކުން ބޭރުވުމަށް މުހުލަތެއް ދިނުން ހިމެނޭ. ޤަޠަރާ ދެކޮޅަށް މިފިޔަވަޅުތައް އަޅާފައިވަނީ ޓެރަރިސްޓް ޖަމާޢަތްތަކަށް އެހީތެރިވާ ކަމުގެ ތުހުމަތާއި ގަލްފުގެ ސަރަހައްދުގައި މަސްލަހަތާއި ހަމަޖެހުން ނަގާލައި ފިތުނަ އުފެއްދުމަށް މަސައްކަތްކުރަކަމުގެ ތުހުމަތު ޤަޠަރުގެ މައްޗަށް ކުރުމަށް ފަހު މިދިޔަ އާދީއްތަ ދުވަހުއެވެ.
މިފިޔަވަޅުތަކާ ގުޅިގެން ޤަޠަރުގެ ސަރުކާރު ކަންބޮޑުވެފައިވާއިރު ކުވައިތުގެ އަމީރު ޝައިޚް ޞަބާހުލްއަޙްމަދު ވަނީ މިމައްސަލަ ޙައްލުކުރުމަށްޓަކައި ދެފަރާތުގެ މެދުގައި މެދުވެރިއެއްގެ ބައި އަދާކުރެއްވުމަށް އަންގާރަދުވަހު ސަޢޫދީއަށް ވަޑައިގެން ސަލްމާން ރަސްގެފާނާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ކުވައިތުގެ އަމީރު މެދުވެރިކޮށް ސަޢޫދީ ސަރުކާރުގެ ފަރާތުން ޤަޠަރަށް ދިހަ ޝަރުތެއް ހުށަހަޅާފައިވެއެވެ. މިޝަރުތުތަކުގެ ތެރޭގައި ޤަޠަރުން އީރާނާއެކު ބާއްވާ ހުރިހާ ގުޅުންތަކެއް ކަނޑާލުމާއި ފަލަސްތީނުގެ ޙަމާސް ޖަމާއަތާއި މިސްރުގެ އިޚްވާނުލް މުސްލިމޫން ޖަމާޢަތާ ގުޅުންތައް ކަނޑާލައި އެދެޖަމާއަތުގެ ވެރިން ޤަޠަރުން ބޭރުކޮށް ޤަޠަރުގެ ބޭންކްތަކުގައިވާ އެބޭފުޅުންގެ އެކައުންޓްތައް ފްރީޒް ކުރުން ހިމެނެއެވެ.
އަދި ޤަޠަރުގެ އަލްޖަޒީރާ ޗެނެލް ހުއްޓާލުމާއި އަލްޖަޒީރާއިން ގަލްފުގެ މަސްލަހަތާ ދެކޮޅަށް ކުރިން ފޮނުވާފައިވާ ޕްރޮގްރާމްތަކަށް ގަތަރުން މަޢާފަށް އެދުމާއި ގަލްފުގެ ޤައުމުތަކުގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި މަސްލަހަތާ ފުށުއަރާ އެއްވެސް ބާވަތެއްގެ ޢަމަލެއް މުސްތަޤުބަލުގައި ޤަޠަރުން ނުހިންގުން ހިމެނެއެވެ. މީގެއިތުރުން ދެހާސް ދެވަނަ އަހަރު ޤަޠަރާއި ސަޢޫދީން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ގަތަރުން ޢަމަލުކުރަން އަލުން ފެށުންވެސް ސަޢޫދީން ހުށަހެޅި ޝަރުޠުތަކުގެތެރޭގައި ހިމެނެއެވެ.
މިޝަރުޠުތައް ފުރިހަމަ ކުރުމަށް ސަޢޫދީން ޤަޠަރަށް ދީފައިވަނީ ސައުވީސް ގަޑީއިރު ކަމަށް ރިޕޯޓްތައް ބުނާއިރު މިކަމާބެހޭގޮތުން ޤަޠަރު ސަރުކާރުން މިހާތަނަށް އެއްވެސް ބަޔާނެއް ދީފައެއް ނުވެއެވެ. މިމައްސަލާގައި ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދާ މަޝްވަރާ ކުރެއްވުމަށްޓަކައި ބުރާސްފަތި ދުވަހު ކުވައިތުގެ އަމީރު ޤަޠަރުގެ ވެރިރަށް ދޯހާ އަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. އަދި ޤަޠަރަށް ވަޑައިގަތުމުގެ ކުރިން ކުރު ދަތުރުފުޅެއްގައި ޔޫއޭއީ އަށް ވަޑައިގެން އެގައުމުގެ ރައީސް ޚަލީފާ ބިން ޒާޔިދު އާ ބައްދަލުކުރެއްވުމަށްވެސް ކުވައިތުގެ އަމީރުވަނީ ނިންމަވާފައެވެ.