ޚަބަރު

ހޮޓް އެއަރ ބެލޫން ފެސްޓިވަލްގެ މީޑިއާ ޕާރޓްނަރަކަށް ޕީއެސްއެމް


ފިތުރު އީދުދުވަހާ ދިމާކޮށް ޔުނިކްސް ސްޕޯޓިންގެ ފަރާތުން ބާއްވާ ހޮޓް އެއަރ ބެލޫން ފެސްޓިވަލް އިވެންޓްގެ މީޑިއާ ޕާރޓްނަރެއްގެ ގޮތުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ހަމަޖައްސައިފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ޕީއެސްއެމްއާއެކު، ޔުނިކްސް ސްޕޯޓިންގް އިން ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

މިއީ ރާއްޖޭގައި މިފަދަ ޙަރަކާތެއް ބާއްވާ ފުރަތަމަފަހަރެވެ. ފިތުރު އީދުދުވަހު ބާއްވާ މި އިވެންޓްކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ޔުނިކްސް ސްޕޯޓިންގ އިން ވިދާޅުވީ މި ބެލޫންތަކަށް އެރުމުގެ ފުރުޞަތު ހުރިހާ އުމުރު ފުރާއަކަށް ހުޅުވާލެވިފައިވާކަމަށެވެ. އަދި މި ބެލޫންތައް އަރުވާނީ ދުއިސައްތަ ފޫޓް މައްޗަށްކަމަށާއި، މިކަމުގައި ހަރަކާތްތެރިވާނީ ހޮޓްއެއަރ ބެލޫން ދުއްވުމުގެ ތަޖްރިބާކާރު ލައިސަންސް ލިބިފައިވާ ޕައިލެޓުންކަމަށެވެ.

މި އިވެންޓުގެ މީޑިއަރ ޕާޓްނަރެއްގެ ގޮތުގައި ޕީއެސްއެމް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގައި، އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން، ޔުނިކްސް ސްޕޯޓިންގެ މެނޭޖިންގް ޑިރެކްޓަރ ރޭޝަން ޝަރީފް ވިދާޅުވީ މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ހޮޓްއެއަރ ބެލޫން ފެސްޓިވަލްކަމަށްވެފައި، ޕީއެސްއެމްފަދަ މީޑިއާއަކުން މިކަން އާއްމުންނާހަމައަށް ގެނެސްދެވޭނެ އެންމެ ރަނގަޅުމީޑިއާކަމަށެވެ. އޭނާ ވިދާޅުވީ މި ފެސްޓިވަލް ބާއްވާނީ ފިތުރު އީދުދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ކަމަށެވެ. އަދި ހަރަކާތް ކޮންމެ އަހަރަކުއެއްފަހަރު ބޭއްވުމަށް ނިންމަވާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޑިރެކްޓަރ އީކޮމާރސް އެންޑް މާރކެޓިންގް އިބްރާހިމް ނަސްރީން ވިދާޅުވީ މިއީ ރާއްޖޭގެ ރީތިކަން ފަތުރުވެރިންނަށާއި އާއްމުންނަށް ދައްކާލުމަށް ލިބޭ މުހިންމު ފުރުޞަތެއްކަމަށެވެ. އަދި މި ޙަރަކާތްތައް ކުރިއަށްދާއިރު، ޕީއެސްއެމްގެ ޗެނަލްތަކުން މި އިވެންޓް ވަގުތުން ދައްކަމުންދާނެކަމަށެވެ. މީގެ އިތުރުން މި ފެސްޓިވަލްގެ ޑޮކިއުމެންޓްރީއެއް އުފައްދާ މޯލްޑިވްސް ޓީވީން ދައްކާނެކަމަށްވެސް ނަސްރީން ވިދާޅުވިއެވެ.

މި ފެސްޓިވަލް ކުރިއަށްދާނީ ފިތުރުއީދު ދުވަހު ހުޅުމާލޭ ސެންޓަރަލް ޕާރކްގައެވެ. އެގޮތުން މިއަހަރުގެ ފެސްޓިވަލްގައި ހަތަރު ބެލޫނެއް ބޭނުންކުރާނެކަމަށާއި، އަންނަ އަހަރު މި ފެސްޓިވަލް އިތުރަށް ފުޅާކޮށް ބާރަ ބެލޫން ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޔުނިކްސް ސްޕޯޓިންގް އިން ވިދާޅުވެއެވެ.