ކުޅިވަރު

ޕެޕޭ ރެއާލްމެޑްރިޑް ދޫކޮށްލަނީ


އަންނަ ސީޒަންގައި ރެއާލްމެޑްރިޑްގެ ޖާޒީގައި ނުފެންނާނެކަން ޑިފެންޑަރ ޕެޕޭ ޔަޤީންކޮށްދީފިއެވެ. ރެއާލްމެޑްރިޑްގެ އެންމެ މުހިންމު އެއް ޑިފެންޑަރު ގޮތުގައި ފާއިތުވީ ސީޒަންތަކުގައި ފެނުނު ޕެޕޭ ކްލަބް ދޫކޮށްދާނެ ކަން ޔަޤީންކޮށްދިނީ ޗެމްޕިއަންސް ލީގު ތައްޓާއެކު ބޭއްވި އުފާފާޅު ކުރުންތަކަށްފަހުއެވެ.

 34 އަހަރުގެ ޕޯޗްގަލް ކުޅުންތެރިޔާ ބުނީ މިހާ ހިސާބުން އެއް ސްޓޭޖް ނިމުނީ ކަމަށާއި، ދެން ފެށޭނީ އަނެއްކާވެސް ތަފާތު ތަޖުރިބާއެއް ކަމަށް. އަދި މެޑްރިޑްގައި މަޑު ނުކުރާނެކަން މިހާރުވެސް ޔަޤީންކޮށް ބުނަން އިނގޭ ކަމަށް ޕެޕޭ ބުންޏެވެ. މިއަހަރުގެ ނިޔަލަށް މެޑްރިޑާއެކު ޕެޕޭ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާއިރު ޕެޕޭ ހޯދުމަށް ފްރާންސްގެ ޕީއެސްޖީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ޗައިނާގެ ކްލަބްތަކުންވެސް ވަނީ ޕެޕޭއަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ. 2007ވަނަ އަހަރު ޕޯތޯއިން މެޑްރިޑާ ގުޅުނު ޕެޕޭ ވަނީ އެކްލަބާއެކު ތިން ފަހަރު ސްޕެނިޝް ލީގު އަދި ތިން ފަހަރު ޗެމްޕިއަންސް ލީގުވެސް ހޯދާފަ. އަނިޔާގެ ސަބަބުން މިސީޒަންގައި ޕެޕޭއަށް ގިނަ މެޗުތަކުގައި ނުކުޅެވޭކަންވެސް ފާހަގަކޮށްލެވޭ.