ޚަބަރު

ޑިންގީ ބަންޑުންޖަހާލިކަން ފުލުހުންގެ ތަހުޤީޤު ޓީމަށް ކަށަވަރުނުވޭ


އައްޑޫ ސިޓީ ގަމު ކަނޑަށް މަސްވެރިކަމަށް ނުކުމެ އުޅުނު ލޯންޗު، ބަންޑުންޖަހާލީކަން ތަހްޤީޤު ޓީމަށް އަދި ޔަގީންވެފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން މިރޭ ވިދާޅުވީ، މަސްވެރިކަމަށް ނުކުތް ޑިންގީން ދަތުރުކުރި ޕޮލިސް ކޯޕްރަލް މުޙައްމަދު ސުމައިދު ގެއްލުނު ސަރަޙައްދު މިއަދު ހެނދުނުން ފެށިގެން ހޯދުމަށް ސިފައިންނާއި ފުލުހުންގެ ޓީމުތަކުން މަސައްކަތް ކުރިކަމަށާއި މިއަދު ކުރި މަސައްކަތުން ސުމައިދުގެ ފޯނު ފެނުން ނޫން އިތުރު ކުރިއެރުމެއް ލިބިފައި ނުވާކަމަށެވެ. އެހެންނަމަވެސް މާދަމާއިން ފެށިގެން ސުމައިދު ހޯދުމުގެ އޮޕަރޭޝަން އިތުރަށް ފުޅާކޮށް އެ ސަރަޙައްދުގައި ކުރިއަށްގެންދަވާނެ ކަމަށް ޝިފާން ވަނީ ވިދާޅުވެފައެވެ. ޝިފާން ވިދާޅުވީ، ޑިންގީގެ ހާދިސާ މިހާރުވެސް ތަޙްޤީޤު ކުރައްވަމުން ގެންދަވާ ކަމަށާއި، މިހާތަނަސް ލިބިފައިވާ ހެކިތަކަށް ބަލާއިރު، ޑިންގީ ބަންޑުންޖަހާލީކަން ތަހްޤީޤު ޓީމަށް އަދި ކަށަވަރު ނުވާ ކަމަށެވެ.މި ޑިންގީން ދަތުރުކުރި 3 މީހުންގެ ތެރެއިން ޕޮލިސް ކޯޕްރަލް މުޙައްމަދު ސުމެއިދު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހާއި، ފުލުހުން ގުޅިގެން ކުރަމުންދަނިކޮށް އޭނާގެ ފޯނު ފެނުނީ، ޝެންގްރިއްލާ ރިޒޯޓްކައިރީ އޮންނަ "މަޑިހެރާ" ކިޔާ ފަޅުރަށުގެ ކައިރިން، 6 މީޓަރު އަޑިން ކަމަށް އެމް.އެން.ޑީއެފުން ވިދާޅުވެއެވެ.މިއަދު ހެނދުނު ހަތަކުން ފެށިގެން ސުމައިދު ހޯދުމުގެ މަސައްކަތް ހެލިކޮޕްޓަރު ބޭނުންކޮށްގެންނާއި ޑައިވަރުންގެ ޓީމުތަކުން ވަނީ ކުރައްވާފައެވެ. ޑިންގީ އަށް ދިމާވި ހާދިސާއަށްފަހު ޑިންގީގައި ތިބި އަނެއް ދެމީހުން ފަތާފައި ގޮސް ޝަންގްރިއްލާ ރިސޯޓަށް ވަނީ އަރާފައެވެ.މިހާދިސާއާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ހިލޭ ގުޅޭ ނަންބަރު 191 ގުޅުއްވައިގެން މައުލޫމާތު ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައެވެ.