ޚަބަރު

ނުސީދާ އިސްތިޢުމާރު - އަދުގެ ދުނިޔެއަށް އޮތް ބޮޑު ނުރައްކަލެއް


ބައިނަލްއަޤްވާމީ މަޞްރަޙުގައި އިސްވެ ޙަރަކާތްތެރިވާ ޤައުމުތަކެއް އަބަދުވެސް އޮންނަކަމީ ބައިނަލްއަޤުވާމީ މުޖުތަމަޢު، އެންމެ ކުރީ ޒަމާނުއްސުރެން ބަލައިގެންފައިވާ ކަމެކެވެ. ޤައުމުތަކަށް އަންނަ ސިޔާސީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ބަދަލުތަކާއެކު 'ލީޑަރ އޮފް ދަ ފްރީ ވަރލްޑް'ގެ މަޤާމު ލިބޭ ލީޑަރެއް ބަދަލުވާނަމަވެސް، މިމަޤާމަކީ އަބަދުވެސް، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޤައުމުތަކުގެ ލީޑަރުންނަށް ޚާއްޞަ މަޤާމެއްކަމަކީވެސް ބައިނަލްއަޤުވާމީ މުޖުތަމަޢު ބަލައިގެންފައިވާ ކަމެކެވެ.

އަދި އެ ލީޑަރެއް ނުވަތަ އެ ލީޑަރުން ނިސްބަތްވެވަޑައިގަންނަވާ ޤައުމުތަކުން އެހެން ޤައުމުތަކުގެ މައްޗަށް 'ބެލެނިވެރި' ދައުރެއް އަދާކުރެވިދާނެކަމަށްވެސް، ބައިނަލްއަޤުވާމީ މުޖުތަމަޢުން މިހާރު ވަނީ ޤަބޫލުކޮށްފައެވެ. މިފަދަ ބެލެނިވެރި ސްޓޭޓްތަކާއި އެ ސްޓޭޓްތަކުގެ ލީޑަރުންގެ ޒިންމާތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ޒިންމާ ކަމުގައި ބެލެވިފައިވަނީ އެހެނިހެން ޤައުމުތަކުގައި ވެރިކަން ކުރާ ސަރުކާރުތަކުން ރައްޔިތުންނަށް ގެއްލުންވާފަދަ ކަމެއް ކުރޭތޯ ފާރަލުމެވެ. އަދި އެފަދަ ޢަމަލެއްކުރާ ސަރުކާރެއް ޖަވާބުދާރީކުރުވާ ޒިންމާދާރުކުރުވުމެވެ. މި ޒިންމާގެ މުހިއްމު ކަމާމެދުވެސް ބައިނަލްއަޤުވާމީ މުޖުތަމަޢު ދެބަހެއް ނުވެއެވެ.

އެހެންނަމަވެސް، 'ފްރީ ވަރލްޑް'ގެ ލީޑަރަށް މި ހުރިހާ ބާރެއް ލިބުމުން، އެ ލީޑަރެއް ނިސްބަތްވެ ވަޑައިގަންނަވާ ޤައުމުގެ އަމިއްލަ ފައިދާ އިސްކޮށް، އެ މަޤާމާއި ނުފޫޒުގެ ނާޖާއިޒު ފައިދާ ނަގާފައިވާ އެތައް ޙާލަތްތަކެއް ތާރީޚުގެ ޞަފުޙާތަކުން ފެންނަން އެބަހުއްޓެވެ.

img:http://s3.psmnews.mv/images/660x400/14967820407355.jpg|ކެންޔާގައި އިނގިރޭސި އިސްތިއުމާރުއޮތް ދުވަސްވަރު އެ ޤައުމުގެ ސިފައިން ހަރަކާތްތެރިވަނީ- ފޮޓޯ:ގޫގްލް

އިހު ޒަމާނުގައި ވިޔަފާރިއާއި ޢިލްމުގެ ނަމުގައި ބޮޑެތި ދަތުރުނާމާތައް ކޮށް، އައު ބިންތައް ހޯދައިގެން ދަޢުލަތްތަކުގެ ބިން ގިނަކޮށް، ހަންފެތުރުމަށް ކުރި އިސްތިޢުމާރު، މިހާރު ކުރަމުންދަނީ މިއަށްވުރެ ވަންހަނާ ގޮތެއްގައެވެ. އޭރުވެސް އިސްތިޢުމާރު ކުރަމުންދިޔައީ، ނާތަހުޒީބު މުޖުތަމަޢުތަކަކަށް ތަހުޒީބު ގެނެސްދީ، ތަރައްޤީއާއި، ޢިލްމު ހޯދައިދިނުމުގެ ނަމުގައެވެ. މިހާރު ކުރާ އިސްތިޢުމާރަށް ބާރާއި ނުފޫޒުގަދަ ޤައުމުތަކުން ދީފައިވާ ވަނަމަކީ ޑިމޮކްރަޓައިޒޭޝަނެވެ. ޑިމޮކްރެސީ ނެތް ޤައުމުތަކުގައި ޑިމޮކްރެޓިކް ވެރިކަން ޤާއިމްކުރުމުގެ ނަމުގައި ބާރުގަދަ ޤައުމުތަކުގައި ނެތް ފެންވަރުގެ ޑިމޮކްރަސީ ނިކަމެތި ޤައުމުތަކުގައި އޮތުމަށް ޑިމާންޑްކޮށް، އެފަދަ ޑިމޮކްރަސީއެއް ޤާއިމުކޮށްދޭނެކަމަށް ބުނެ، "ހެޔޮނިޔަތުގައި" ކުރާ އިސްތިޢުމާރެވެ.

ސިއްރާއި ފާޅުގައި ކުރާ އިސްތިޢުމާރު

"އަރަބް ސްޕްރިންގް" ޙަރަކާތްތަކަށް ފަހު، މިފަދަ ޢަމަލުތައް ހިންގާކަމަށް މިހާރު އެންމެ ބޮޑަށް ތުހުމަތުކުރެވެނީ، އެމެރިކާ އާއި ފަރަންސޭސިވިލާތާއި، އިނގިރޭސިވިލާތް، އަދި ރަޝިޔާ ފަދަ ބާރުތަކަށެވެ. ފުދުންތެރި، ބޮޑެތި، އިސްލާމީ ޤައުމުތަކުގައި ކުރެވެމުންދިޔަ މެދުމިންވަރުގެ ސިޔާސަތުގެ ވެރިކަންތަކުގައި ހަރުކަށިކަމުގެ ސްޓޭމްޕް ޖެހުމަށްފަހު އެ ވެރިކަންތައް ވައްޓާލައި، ތަރައްޤީ އާއި ތަމައްދުން ދެކެމުން ދިޔަ އެތައް ރައްޔިތުން މަގުމަތިކޮށްލާ، އިންސާނީ ޖަރީމާތަކާއި ކާރިސާތަކުގެ ގޮވެތިތަކެއް ކަމުގައި އެމީހުންގެ ބިންތައް އެކަށައެޅުމުގެ މުގުލުގައިވަނީ މި ބާރުގަދަ ޤައުމުތަކެވެ.

މިއިން ކޮންމެ ޤައުމެއްގެ ހަލާކަށް ފައި ނަގާއިރުވެސް، "ފްރީ ވަރލްޑް" ގެ ލީޑަރުން ބޭރުފުށުން ދައްކަނީ އިންސާނީ ޙައްޤުތަކާއި މިނިވަންކަމުގެ ކުލަތަކެކެވެ. އެހެންނަމަވެސް، މި އައު، ތަހުޒީބީ، ޒަމާނީ ވެރިކަން، އެއިން އެއްވެސް ޤައުމެއްގައި މިއަދު ފެންނަން އޮތްތޯ ސުވާލު އުފެދެއެވެ.

img:http://s1.psmnews.mv/images/660x400/14967829385994.jpg|ސްވިޒަލެންޑުގައި އިނގިރޭސި އިސްތިއުމާރު ފެށިގެން އައި ދުވަސްވަރުގެ ފޮޓޯއެއް-

މިއީ ދުނިޔޭގެ ބާރުތަކުން ފާޅުގައި ކުރާ އިސްތިޢުމާރެވެ. އަމާޒު ހިފަނީ ފުދުންތެރި، ބޮޑެތި ޤައުމުތައް ކުޑަކަކޫމައްޗަށް ތިރިކުރުމަށެެވެ. ދެން އޮތީ، ކުދި ޤައުމުތަކުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވަދެ، އެ ޤައުމުތަކުގައި ހަމަނުޖެހުން އުފައްދައި، ބޭރު ޤައުމުތަކުގެ އެހީއަށް އެދެން ޖެހޭ މިންވަރަށް މަސްރަޙު ގޯސްވުމުން، މީޑިއޭޓަރުންގެ ނަމުގައި ނުވަތަ ސުލްޙަ ޤާއިމުކުރުމަށް މަގުފަހިކުރުމުގެ ނަމުގައި ކުރާ އިސްތިޢުމާރެވެ. އަނެއްކާވެސް ދައްކާ އުޒުރަކީ އިންސާނީ ޙައްޤުތަކާއި މިނިވަންކަން ނެތުމެެވެ. ތަރައްޤީ އާއި ތަމައްދުންގެ ފޮނި ހުވަފެންތަކެވެ.

ޙައްޤުގެ ވާހަކަދައްކާ ޤައުމުތަކުގެ ކުފޫ ހަމަވޭބާ؟

ދުނިޔޭގެ ބާރުތަކުން އެހެން ޤައުމުތަކުގެ އިންސާނީ ޙައްޤުގެ ޙާލަތާއި ވެރިކަމުގެ ނިޒާމުގައި ހުރި އުނިކަންތައްތައް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކުރިމައްޗަށް ގެނެސް، ބައިނަލްއަޤުވާމީ މުޖުތަމަޢު ވާވައްދަން ކުރާ މަސައްކަތް ކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަބަކީ، ކުދި އަދި ނިކަމެތި ޤައުމުތަކުން ބަލައިގެންފައިވާ ވަރިހަމަވުމުގެ ސިޔާސަތެވެ. ބޮޑެތި ގިނަ ޤައުމުތަކަކީ، އެމީހުން އެ ތުހުމަތުކުރާ އިހުމާލުގެ އަމަލުތައް ހިންގާ ޤައުމުތަކެވެ.

ކުޑަ މިސާލަކަށް ބަލާލަމާތޯއެވެ. އެެމެރިކާއިން އީރާނާއި އުތުރުކޮރެއާއަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ގޮވާލަނީ އެ ޤައުމުތަކުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓާލުމަށް ޕްރެޝަރކުރުމުގެ މަޤްޞަދުގައެވެ. އެހެންނަމަވެސް، އެމެެެރިކާއަކީ ދުނިޔޭގައި މިހާތަނަށް ނެތް ފެންވަރުގެ ނިއުކްލިޔަރ ހަތިޔާރު ގުދަންކޮށް ގެންގުޅޭ ޤައުމެކެވެ. ދުނިޔޭގައި މިހާތަނަށް ހަނގުރާމައިގެ ޙާލަތެއްގައި ނިއުކްލިޔަރ ހަތިޔާރު ބޭނުންކޮށްފައިވާ ހަމައެކަނި ޤައުމަކީވެސް އެމެރިކާއެވެ.

އިނގިރޭސިވިލާތް

ދެން އޮތީ އިނގިރޭސިވިލާތެވެ. އިހު ޒަމާނުގެ އިސްތިޢުމާރީ ބާރެކެވެ. އަދުގެ ނުސީދާ އިސްތިޢުމާރުގެ ލީޑަރެވެ. ކުދި، ނިކަމެތި ޤައުމުތަކުގެ ކިބައިން ޑިމާންޑްކުރަނީ ޒަމާނީ، ތަހުޒީބީ ޑިމޮކްރަސީއެވެ. އެ ޤައުމުގައި އޮންނަނީ ރަސްމަތިފުށު ޢާއިލާއެއްގެ ޚަރަދުތަކަށް ރައްޔިތުން ޓެކްސްދައްކާ ޑިމޮކްރަސީއެކެވެ. ޤައިދީންގެ ޙައްޤުތަކުގައި އަޑުއުފުލައި، ޤައިދީންނަށް ކުރާ އަނިޔާގެ ވާހަކަ ބައިނަލްއަޤުވާމީ ފޯރަމްތަކުގައި ދައްކާއިރު، ޚުދު އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާތަކާއި ސަލާމަތީ ބާރުތަކުން މީހުންނަށް ނުޙައްޤުން އަނިޔާކުރުމުގެ މައްސަލައިގައި އެ މުވައްސަސާތައް ޖަވާބުދާރީކުރުވާފައެއް ނުވެއެވެ. ޚާއްޞަކޮށް، 2005ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް އަފްޣާނިސްތާނުގައި ތިބި ރޯޔަލް މިލިޓަރީ ފުލުހުން 600 އަށްވުރެ ގިނަ މީހުންނަށް އަނިޔާކޮށްފައިވާކަމަށް ލިޔެކިޔުންތައް ހެކިވެއެވެ. އިރާޤުގައި ހިންގާފައިވާ މިފަދަ ޢަމަލުތައް ގުނާލެވެނީ ހާހުންނެވެ.

img:http://s2.psmnews.mv/images/660x400/3538.jpg|އަފްޣާނިސްތާނުގައި ކާރު ބޮމުގެ ހަމަލާއެއް ދިން ސަރަހައްދެއްގައި އެޤައުމުގެ ސިފައިން ހަރަކާތްތެރިވަނީ - (ފައިލް ފޮޓޯ: ޒިންހުއާ)

އިގިރޭސިވިލާތުން، އެހެން ޤައުމުތަކުގައި އޮންނަ ނަސްލީ އަދި ދީނީ ތަޢައްޞަބުގެ ވާހަކަ ދައްކާއިރު، އިނގިރޭސިވިލާތުގައި މީސްކޮޅު މަދު ނަޞްލުތަކުގެ މީހުންނާއި މުސްލިމުންނަށް ނުޙައްޤުން ދޭ އަނިޔާތަކުގެ ވާހަކަ ދައްކަން ކެރެނީ، އދގެ ޔޫޕީއާރް އަކާ ދިމާކޮށް، އެ ޤައުމުގެ އެންޖީއޯ ތަކަށް އެކަންޏެވެ. އެހެން ޤަައުމުތަކުގެ ޤާނޫނު އަސާސީ އެކުލަވާލައި، އެ ޤާނޫނު އަސާސީގައި އެންމެހާ އިންސާނީ ޙައްޤުތަކާއި މިނިވަންކަން ހިމެނުމަށް އިގިރޭސިވިލާތުން ގޮވާލާއިރު، އެ ޤައުުމުގެ ކައުންޓަރ އެކްސްޓްރީމިޒަމް އެންޑް ސޭފްގާޑިން ބިލް ފަދަ ބިލްތަކުގެ ސަބަބުން، އެއްވެ އުޅުމުގެ ޙައްޤު ފަދަ މުހިއްމު ޙައްޤުތަކަށް ހުރަސް އެޅޭކަމަށް ޚުދު އދންވެސް ފާހަގަކުރެއެވެ.

ކުދި ޤައުމުތަކުގެ ވެެރިންގެ އަނިޔާއިން ރައްޔިތުން ހިމާޔަތްކޮށްދޭ އައްޑަނައަކީ އިނގިރޭސިވިލާތް ކަމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދައްކަން އުޅުނުނަމަވެސް، އިނގިރޭސި ވިލާތުގެ ރޯޔަލް އެއާ ފޯސްއިން ސޫރިޔާއަށް ދެމުންދާ ޑްރޯން ހަމަލާތަކުން މަރުވާ މީހުންނަށް އެ ދެވެނީ އަނިޔާ ނޫން ކޮންއެއްޗެއްތޯ؟، މި ސުވާލު ފެންމަތިވެއެވެ.

ދުނިޔޭގެ ކުދި އަދި ނިކަމެތި އިސްލާމީ ޤައުމުތަކުގައި ގިންތީގެ ހަމަހަމަކަން އޮންނަ މިންވަރު ދިރާސާކޮށް، ކައިވެނީގެ މިނިވަންކަމާ މެދު ބަޙުޘްކުރާ އިނގިރޭސިވިލާތުގައިވެސް ޙައްޤުގެ ދަޢުވާ އުފުލާ ފަރާތްތަކުން އެ ސިފަކުރާ ފަދަ ޙައްޤުތައް ނުލިބޭ ސަރަޙައްދުތައް ވެއެވެ. އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ޤަރާރު ނުވަތަ އިސްތަމްބޫލް ކޮންވެންޝަން، އެންމެ ރަނގަޅަށް ތަންފީޒުކުރެވެމުން ނުދާކަމުުގެ ތުހުމަތުވެސް އިނގިރޭސިވިލާތައް ދަނީ އަމާޒުކުރެވެމުންނެވެ. މިއީ، ދައްކާ ހުސްވާނެ ވާހަކައެއް ނޫނެވެ.

ރާއްޖެއަށްވެސް މި ނުރައްކާ

ތާރީޚު ހެކިދޭގޮތުންވެސް މިފަދަ 'ހަމަހިމޭން' އިސްތިޢުމާރުތަކަށް އެންމެ ބޮޑަށް ފުރުޞަތުދެވެނީ ނުވަތަ ޓާގެޓް ކުރެވެނީ، އެ ޤައުމުތަކުގައި އެއްބައިވަންތަކަމާއި ޤައުމީ ރޫޙު ނެތުމުންނެވެ. ދާޚިލީ މައްސަލަތައް ޙައްލުކުރުމަށް ބޭރުގެ ނުފޫޒު ބޭނުންކުރަން މަސައްކަތް ކުރުމުންނެވެ. އަދި ވިސްނާލުމެއްނެތި، ހަލުވިކަމާއެކު ނިންމާ ނިންމުންތަކުގެ ތެރެއިން، އެފަދަ ބާރުތަކަށް ދޮރު ހުޅުވާލުމުންނެވެ.

މި ދިވެހި ރާއްޖެއަކީވެސް ކުޑަ، އިސްލާމީ ޤައުމެކެވެ. އެކި ކަންކަމަށް އެކި ޤައުމުތަކަށް ބަރޯސާވާ، ފުދުންތެރިކަން ކުޑަ، އަސްކަރީ މާބޮޑު ބާރުވެރިކަމެއް ނެތް ޤައުމެކެވެ. އަދި ތާރީޚަށް ބަލާލާނަމަ، ދާޚިލީ ކޮންމެ ހަމަނުޖެހުމެއް އަންނަ ހިނދެއްގައި ބޭރުގެ އެހީއާ ދިމާއަށް މިސްރާބު ހިފާ ދަރިންތަކެއް ތިބި ޤައުމެކެވެ. ބޮޑެތި ޤައުމުތަކުން ފައިދާ ނަގަނީ މިފަދަ ނާޒުކު ޤައުމުތަކުންނެވެ.

އެހެންކަމުން ދިވެހިންގެ އިސްތިޤްލާލާއި، އަމިއްލަ މިނިވަންކަން ހިމާޔަތްކުރަން އޮތް ފުރުޞަތަކީ އެއްބައިވަންތަކަން އިތުރުކޮށް، ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުޞަތު ބޭރުގެ ޤައުމުތަކަށް ނުދިނުމެވެ. އަދި ދިވެހިންގެ އަމިއްލަ ކަންކަން ނިންމާނީ ދިވެހިންކަން ބޭރު ދުނިޔެއަށް ދައްކައި ދިނުމެވެ.