ޤަވާއިދާ ޚިލާފަށް އެއްގަމު އުޅަނދުގެ ލައިސަންސް ހަދާ ދީފައިވާކަމަށް ބުނާ މައްސަލައެއްގައި ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރާއި، އެސިސްޓަންޓް ޑިރެކްޓަރުގެ މައްޗަށް ދަޢުވާކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ޤަވާއިދާ ޚިލާފަށް އެއްގަމު އުޅަނދުގެ ލައިސަންސް ހަދާދީފައިވާކަމަށް ބުނާ މައްސަލައަކާއި ގުޅިގެން ކުރެއްވި ތަހްގީގާއި ގުޅޭގޮތުން އޭ.ސީސީން ބުނީ، އަމިއްލަ ފަރާތަކުން 2015 ވަނަ އަހަރު ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާއަށް އެއްގަމު ލައިސަންސަށް އެދޭ ފޯމު ހުށަހެޅުމުން، އެއިދާރާއިން އޭނާ ހުށަހެޅި 2 ފޯމު ބަލައިގަނެ އޭނާ އަށް ލައިސަންސް ހަދައިދީފައިވާކަން ފާހަގަކުރެވުނުކަމަށެވެ.
އެސީސީން ބުނީ އެ 2 ފޯމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފުރިހަމަކުރުމަށް ހަމަޖެހިފައިވާ ބައިގައި، ސާޅީސް ހާސް ރުފިޔާ ޖޫރިމަނާކޮށް ފައިސާ ނުދައްކާ ކަމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ޕޮލިސް ސަރޖަންޓް ސޮއިކޮށް، ސްޓޭމްޕް ޖަހާފައިވާއިރު، އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާ ފައިސާ ނުދައްކަނީސް އެފަރާތްތަކަށް ލައިސަންސް ހަދައިދޭ އުޞޫލެއް ޓްރާންސްޕޯޓް އޮތޯރިޓީގައި ކަނޑައެޅިފައި ނުވާކަން ތަޙްޤީޤަށް އެނގިފައިވާކަމަށެވެ. އަދި އެފޯމް ބަލައިގަނެ ލައިސަންސް ހަދައިދީފައި ވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދާއި ޚިލާފަށްކަން ފާހަގަވާކަމަށެވެ. އަދި އެ 2 ފޯމް ބަލައިގަނެ، ފޯމް ހުށަހެޅި ފަރާތަށް ލައިސަންސް ހައްދަދީފައިވަނީ ފުވައްމުލަކު އަތޮޅު ޑިރެކްޓަރުގެ އެންގުމުންކަމަށްވާތީ، އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދާދީފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަމަށްވެއެވެ. މީގެއިތުރުން، ލައިސަންސް އަށް އެދި ހުށަހެޅި ފޯމްގައި ހުއްދަދިންކަމަށް ސޮއިކޮށްފައިވާ ފަރާތްކަމުގައިވާ ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އެފޯމުގައި ސޮއިކުރުމުގެ ކުރިން ބަލަންޖެހޭ އެއްވެސް ކަމެއް ބަލާފައިނުވާތީ، ފޯމް ހުށަހެޅި ފަރާތަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް އަދި ދައުލަތަށް ގެއްލުން ލިބޭގޮތަށް ލައިސަންސް ހަދާދެވިފައިވަނީ ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާގެ އެސިސްޓަންޓް ޑިރެކްޓަރ މަޤާމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރުމުގެ ސަބަބުންކަމަށްވެސް އޭ.ސީ.ސީން ވިދާޅުވިއެވެ.