ޚަބަރު

ދިހަ މިލިއަނުން ފެށިގެން ޖީއެސްޓީ ބަޔާން ހުށަހަޅަންޖެހޭނެ


އަހަރަކު ދިހަ މިލިއަން ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ކުންފުނިތަކުންވެސް އޮންލައިންކޮށް ޖީއެސްޓީ ބަޔާން ހުށަހަޅަންޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

މިކަމާއި ބެހޭގޮތުން ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ވިދާޅުވީ، އަހަރަކު ދިހަ މިލިއަން ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ކުންފުނިތަކުންވެސް އަންނަ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް ޖީއެސްޓީ ބަޔާން ހުށަހަޅަންޖެހޭނޭކަމަށެވެ. މީރާއިން މައުލޫމާތުދެއްވާގޮތުގައި މިގޮތަށް ހަމަޖެއްސުމާއިއެކު، ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭ އިންޕުޓް ޓެކްސް ސްޓޭޓްމަންޓް ގެ އިތުރުން އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓެއް ވެސް މީރާގެ އޮންލައިން ޕޯޓަލް "މީރާކަނެކްޓް" މެދުވެރިކޮށް ހުށަހަޅަން ޖެހޭނެއެވެ.

މީރާއިން މީގެކުރިން އޮންލައިންކޮށް ޖީއެސްޓީ ބަޔާން ހުށަހަޅަންޖެހޭގޮތަށް ހަމަޖައްސަވާފައިވަނީ، އަހަރަކު ވިހި މިލިއަން ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ކުންފުނިތައް އެކަންޏެވެ. މީރާއިން ވިދާޅުވާ ގޮތުގައި އަހަރަކު ދިހަ މިލިއަން ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ކުންފުނިތަކުން އޮންލައިންކޮށް ޖީއެސްޓީ ބަޔާން ހުށަހަޅަންޖެހޭގޮތަށް ހަމަޖެއްސެވި ނަމަވެސް މީރާގެ ކައުންޓަރު މެދުވެރިކޮށް އެފަރާތްތަކަށް ފައިސާ ދެއްކޭނޭކަމަށެވެ.