ޚަބަރު

"ރައީސް އޮފީހުން ޚަރަދުކުރައްވަނީ ޤާނޫނާ އެއްގޮތަށް"


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2016 ވަނައަރު މާލީ މުޢާމަލާތުތައް ކުރައްވާފައިވަނީ މާލިއްޔަތު ޤާނޫނާ އެއްގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2016 ވަނައަރުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ. 

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2016 ވަނައަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް، ނުވަތަ ކޮރަޕްޝަނަށް މަގުފަހިވާ މުޢާމަލާތެއްވެސް ފާހަގަކުރައްވާފައެއް ނުވެއެވެ.

ދައުލަތުގެ އެންމެ މަތީ އޮފީސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ ދައުލަތް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ އޮފީހެވެ. އެގޮތުން ދައުލަތުގެ ހުރިހާ ބާރުތަކުން ކުރައްވާ ކަންކަން ވިލަރެސްކުރެއްވުމާއި، މުޅި ދައުލަތުގެ ހުރިހާ ވުޒާރާތަކާއި، މުވައްސަސާތަކައި، އިދާރާތަކާ ގުޅުންހުރި އެތައް މުޢާމަލާތްތަކެއް ކޮންމެ ދުވަހަކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރައްވައެވެ.

ވޭތުވެދިޔަ 2016 ވަނައަހަރު ދައުލަތުގެ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 137 މިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވާއިރު، މީގެ ތެރެއިން 2.9 މިލިއަން ރުފިޔާ ފިޔަވައި ހުރިހާ ފައިސާއެއް ވަނީ އެކި ކަންކަމުގައި ޚަރަދުކުރައްވާފައެވެ. މިހުރިހާ ފައިސާއެއް ޚަރަދަކުރައްވާފައިވަނީ، މާލިއްޔަތު ޤާނޫނާއި، ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާ އެއްގޮތަށް ކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ބަޔާންކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޖެޓުން ޚަރަދުކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ރަސްމީގޭގެ ޚަރަދުތައްވެސް ކުރައްވާފައިވަނީ މާލިއްޔަތު ޤާނޫނާ އެއްގޮތަށްކަމަށް އޮޑިޓް ރިޕޯޓްގައި ބަޔާންކުރައްވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކަނޑައެޅުއްވި ބަޖެޓް ބޭނުންކުރައްވާފައިވަނީ، ބެޖެޓް ކަނޑައެޅުއްވި މަޤްޞަދު ޙާޞިލްވާ ގޮތަށްކަމަށް އޮޑިޓް ރިޕޯޓްގައި ބަޔާންކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2016 ވަނައަހަރުގެ އޮޑިޓް ރިޕޯޓްގައި އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވަނީ އެންމެ މައްސަލައެކެވެ. އެއީ 2009 ވަނައަހަރުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ރަސްމީގެއަށް ބައްލަވައިގެންނެވި ބައެއް މުދަލުގެ އަގު ދަފްތަރުގައި ބަޔާންކުރައްވާފައި ނެތުމުގެ މައްސަލައެވެ. މިއީ 2009 ވަނައަހަރުގެ ކުރިން ގަނެފައިވާ ހަރުމުދާތަކެއްގެ މައްސަލަކަމުން ޖުމްލަ ގޮތެއްގައި 2016 ވަނައަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މާލީ ހުރިހާ މުޢާމަލާތްތަކެއް ކުރައްވާފައިވަނީ ޤާނޫނާ ޤަވާޢިދާ އެއްގޮތަށެވެ. އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ރައީސް އޮފީހުގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި، ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް، ނުވަތަ ކޮރަޕްޝަނަށް މަގުފަހިވާ މުޢާމަލާތެއްވެސް ފާހަގަކުރައްވާފައެއް ނުވެއެވެ.

ދައުލަތުގެ އެންމެ ހައިބަތުހުރި، އަދި އެންމެ މަތީ އޮފީސް ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މާލީ މުޢާމަލާތްތައް ވޭދުވެދިޔަ 3 އަހަރު ދުވަހުވެސް ކޮށްފައިވަނީ ޤާނޫނާ ޤަވާއިދާ އެއްގޮތައްކަމަށް އެ އޮފީހުގެ އޮޑިޓް ރިޕޯޓްތަކުން ދައްކައެވެ.