ޚަބަރު

ޔާމީން މަރާލުމުގައި ތުހުމަތުކުރެވޭ އެންމެން ހައްޔަރު ކުރެވިއްޖެ


ޔާމީން ރަޝީދު މަރާލި މައްސަލައިގައި ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ އެންމެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވެއްޖެއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުޤީޤާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން އެ ޢަމަލު ހިންގިކަން ކަށަވަރުކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ޝާމިލުވާކަމަށް ތުހުމަތުކުރެވޭ އެންމެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި، މި މައްސަލަ ޕްރޮސިކިއުޓް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ތަހްޤީގުކުރަމުން ދިޔައިރު، ތަފާތު ގޮންޖެހުންތައް އެކިގޮތްގޮތުން އެއިދާރާއާއި ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން، އެކި ގޮތްގޮތަށް ހާދިސާއާއި ގުޅުން ހުރި މައުލޫމާތުތައް ހިއްސާކުރުމާއި، ބައެއް ޤާނޫނީ ވަކީލުންގެ ފަރާތުންވެސް ހުރަސްތަކަކާއި ކުރިމަތިވި ކަމަށެވެ. އަދި ތަޙްޤީޤުގެ ފޯކަސް ބަދަލުކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރި ކަމަށާއި، ރާއްޖެއާއި ރާއްޖެއިން ބޭރުން އެކިކަހަލަ ޕްރެޝަރތައް ފުލުހުންނަށް ކުރިމަތިވެފައިވާކަމަށްވެސް ފުލުހުންގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ޝާމިލުވާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުންގެ މުއައްސަސާގައި ހުރި ހުރިހާ ވަސީލަތްތައް ބޭނުންކުރައްވައިގެން ކުރެއްވި މަސައްކަތުން މިހާތަނަށް ތަޙްޤީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަންވެސް މި ބަޔާނުގައި ފުލުހުން ފާހަގަ ކުރައްވާފައިވެއެވެ. އަދި މައްސަލައިގެ ތަހްގީގު ކާމިޔާބުކޮށް މިކަމުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަވާނެކަމުގެ ޔަގީންކަން ޔާމީން ރަޝީދުގެ ޢާއިލާއަށާއި، ދިވެހި އެންމެހާ ރައްޔިތުންނަށް ދެއްވާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.