ޚަބަރު

އެޗްއާރުސީއެމަށް އައްޔަންކުރަން ނަންފުޅެއް ފޮނުއްވައިފި


ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް އެ ކޮމިޝަންގެ މެމްބަރުކަން ކުރިން ކުރައްވާފައިވާ މުޙައްމަދު ޒާހިދު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ޗުއްޓީއަށްފަހު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފަށާފައެވެ. މިއަދުގެ ޖަލްސާގައި ހިއުމަން ރައިޓްސް ކޮމިޝަނަށް މުޙައްމަދު ޒާހިދު އައްޔަން ކުރުމާމެދު ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާފައިވެއެވެ. އެޗް.އާރު.ސީ.އެމްގެ ފުރަތަމަ ދައުރުގައިވެސް އެކޮމިޝަނުގެ ނާއިބު ރައީސްކަން ކުރެއްވި ޒާހިދު މިހާރު ހުންނެވީ ޖެނޑަރ މިނިސްޓަރުގެ ނާއިބުކަމުގެ މަޤާމުގައެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައި މިވަނީ، އެކޮމިޝަނުގެ ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި ޝިފާޤް މުފީދު މިދިޔަ މަހުގެ 11 ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ.  

ތައިލެންޑަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ، ހ. ފޮއްދޫގެ މުޙައްމަދު ނަޝީދުގެ ނަން ދިރާސާކުރެއްވައި ގޮތެއް ނިންމެވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ގައުމީ ސަލާމަތާބެހޭ ކޮމެޓީއަށް ފޮނުއްވާފައެވެ.