ޚަބަރު

ގެއްލިގެން ހޯދާ މީހާގެ ފޯނު ފެނިއްޖެ


އައްޑޫ ސިޓީ ގަމު ކަނޑަށް މަހަށް ނުކުމެ އުޅެނިކޮށް އިއްޔެ ބަންޑުން ޖަހާލި ޑިންގީން ގެއްލިގެން ހޯދަމުންދާ ޕޮލިސް ކޯޕްރަލް މުޙައްމަދު ސުމައިދުގެ ފޯނު ފެނިއްޖެއެވެ.

މި ޑިންގީން ދަތުރުކުރި 3 މީހުންގެ ތެރެއިން މުޙައްމަދު ސުމައިދު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހާއި، ފުލުހުން ގުޅިގެން ކުރަމުންދަނިކޮށް އޭނާގެ ފޯނު ފެނުނީ، ޝަންގްރިއްލާ ރިޒޯޓް ކައިރީ އޮންނަ "މަޑިހެރާ" ކިޔާ ފަޅުރަށުގެ ކައިރިން، 6 މީޓަރު އަޑިން ކަމަށް އެމް.އެން.ޑީއެފުން ވިދާޅުވެއެވެ.

މިއަދު ހެނދުނު ހަތަކުން ފެށިގެން ސުމައިދު ހޯދުމުގެ މަސައްކަތް ހެލިކޮޕްޓަރު ބޭނުންކޮށްގެން ވައިގެމަގުން ހުއްޓުމެއްނެތި ކުރަމުންދާކަމަށާއި ފުލުހުންނާއި، ސިފައިންގެ ޑައިވަރުންގެ ޓީމުތަކުންވެސް އެސަރަހައްދު ބަލަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ބަންޑުން ޖަހާލި ޑިންގީގައި ތިބީ ތިން ދިވެހިންނެވެ. ޑިންގީ ބަންޑުން ޖަހާލުމާއެކު އަނެއް ދެމީހުން ފަތާފައި ގޮސް ޝަންގްރިއްލާ ރިސޯޓަށް ވަނީ އަރާފައެވެ. މިހާދިސާއާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ހިލޭ ގުޅޭ ނަންބަރު 191 ގުޅުއްވައިގެން މައުލޫމާތު ދެއްވުމަށް އެމް.އެން.ޑީ.އެފުން އިލްތިމާސްކުރައްވައެވެ.