މިދިޔަ މަހުގެ 29 ވަނަ ދުވަހު ނެރެފައިވާ، ފިޝަރީޒް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ދައުލަތަށް ލިބެންޖެހޭކަމަށް ހާމަކޮށްފައިވާ 39 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި އޮޑިޓަރ ޖެނަރަލް ފާހަގަކުރައްވާފައިވަނީ، ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި ފިޝަރީޒް މިނިސްޓްރީން ޤާއިމްކުރައްވާފައިވާ އައިސް ޕްލާންޓްތަކާއި، އެމިނިސްޓްރީން ދޫކޮށްފައިވާ މަސް ދޯނިތަކާއި އިންޖީނުތަކަށް ދައްކަންޖެހޭ ފައިސާއާއި، ޖޫރިމަނާގެ ގޮތުގައި "ތިރީސްނުވަ މިލިޔަން ނުވަސަތޭކަ ތިރީސް ފަސް ހާސް ސާޅީސް ހަތަރު ރުފިޔާ،" ދައުލަތަށް ލިބެންޖެހޭކަމަށެވެ. އަދި އެ ފައިސާ، ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތީން ގިނަވެގެން އެއްމަސް ދުވަހުގެ ތެރޭގައި ހޯދުމަށާއި ނުލިބި ގިނަ ދުވަސްވެފައިވާ ފައިސާވެސް މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ހޯދުމަށްވެސް ފިޝަރީޒް މިނިސްޓްރީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވަނީ ލަފާދެއްވާފައެވެ.
މި ފައިސާ ހޯދުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން މިއަދު ބެއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާމަނަންޓް ސެކްރެޓަރީ ހުސެއިން ސިނާން ވިދާޅުވީ، އިންޖީނުތަކާއި މަސްދޯނި ފަހަރަށް ލިބެންޖެހޭކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކުރައްވާފައިވަނީ 1997 ވަނަ އަހަރުން ފެށިގެން ދޫކޮށްފައިވާ ލޯނުތަކެއްކަމަށާއި، އެފަރާތްތަކަށް ފުރުސަތުތަކެއްދީ މިހާތަނަށްވެސް ފައިސާ ނުދައްކާ ބައެއް ފަރާތްތަކާމެދު ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.
ސިނާން ވިދާޅުވީ، ގިނަ އަހަރުތަކެއްވެފައިވާ އެ ލޯނުތައް ނަގާފައިވާ ބައެއް ފަރާތްތައް ދުނިޔޭގައި ނެތުމުންނާއި މިލްކުވެރިކަމުގެ ކަންކަން ނުނިމި ހުރުމާއި، އުޅޭތަން ބަދަލުވެގެންވެސް ލިޔުން ހަވާލުނުކުރެވޭ މީހުން ގިނަކަމަށެވެ. މިކަމުގެ ސަބަބުންވެސް ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ސިނާން ފާހަގަކުރެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ، އީނާސް ނަޒީރު ވިދާޅުވީ، ރާއްޖޭގެ ހަތަރު ސަރަހައްދުގައި ޤާއިމްކުރެވުނު އައިސް ޕްލާންޓްތަކުގެ ތެރެއިން ގުރައިދޫގައި ހުރި އައިސް ޕްލާންޓް ހަވާލުކުރެވިފައިވަނީ އަމިއްލަ ފަރާތަކާއި ކަމަށާއި، އެޕްލާންޓަށް ދައްކަންޖެހޭ ފައިސާ މީރާ މެދުވެރިކޮށް ހޯދުމަށް ފުރަތަމަ އެންގުން އަންގާފައިވާކަމަށެވެ.
ހއ.އިހަވަންދުއާ، ޅ.ފެލިވަރާއި ގދ.ތިނަދޫގައި ހުރި އައިސް ޕްލާންޓްތައް ދޫކުރައްވާފައިވަނީ މިފްކޯއަށްކަމަށާއި، ތިނަދޫ ފިޔަވައި އެހެން ރަށްތަކުގައި ހުރި އައިސް ޕްލާންޓަތަކަށް ދައްކަންޖެހޭ ފައިސާ ފައިސާ އެސް.ޓީ.އޯ މެދުވެރިކޮށް ވަރަށް އަވަހަށް ލިބޭނެކަމަށް އީނާސް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓަށް މާލީ ބަޔާންތައް ހުށަނޭޅުނީ ޓެކްނިކަލް ގޮތުން ދިމާވި މައްސަލައަކާއި ގުޅިގެން ފޮނުވަންޖެހޭ މުއްދަތައް މާލީ ރިޕޯޓްތައް ނުފޮނުވުމުންކަމަށްވެސް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން މައުލޫމާތުދެއްވައެވެ.