ޚަބަރު

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ 3 ވަނަ ފޯރަމް މިރޭ އޮންނާނެ


ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ ތިން ވަނަ ފޯރަމް މިރޭ އޮންނާނެއެވެ.  

އިޙްޔާ ފޯރަމަކީ ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނާބެހޭ މަޢުލޫމާތު މުއްސަނދިކުރުމުގެ މަޤްޞަދުގައި ގެނެސްދެމުން އަންނަ ފޯރަމެކެވެ. ކޮންމެ ހޯމަ ވިލޭރެއަކާއި، ހުކުރު ވިލޭރެއެއްގައި އިސްލާމީ މަރުކަޒުގައި އޮންނަ މި ފޯރަމްގައި ދީނީ މައުޟޫތަކަށް ރާއްޖޭގެ ވާއިޒުންނާއި ދީނީ ޢިލްމުވެރިން ވާހަކަދައްކަވައެވެ.

އާންމުންނަށް ހުޅުވިފައިވާ މިފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބައެއްވެސް ހިމަނުއްވާފައިވެއެވެ. މި ޖަލްސާ ޕީއެސްއެމްގެ ޓީވީ އާއި ރެޑިއޯ ޗެނަލްތަކުން ވަގުތުން ގެނެސްދޭނެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ގެނެސްދޭ މި ޕްރޮގްރާމަކީ، ރަމަޟާން މަހަކީ ކީރިތި ޤުރުއާނުގެ މައްސަރުކަމަށްވާތީ އެމަހުގެ ދަރުމައާއި ސަވާބު ހޯދުމުގެ މަގުފަހިކޮށްދީ، ދީނުގެ އުޞޫލުތަކާ ޙުކުމްތަކާ ބެހޭގޮތުން ކަންކަން އޮޅުންފިލުވައި ދިނުމަށް ބާއްވާ ފޯރަމެކެވެ. 1438 ވަނަ އަހަރުމީ ސަރުކާރުން މިފޯރަމް ގެނެސްދޭ 38 ވަނަ އަހަރުއެވެ.