ދުނިޔެ

ސޫރިޔާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބަންކީ މޫން ގޮވާލައްވައިފި





 


ސޫރިޔާގެ ތިން އަހަރުވީ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މިކަމުގައި ޒިންމާ ވާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ގޮވާލައްވައިފިއެވެ.


 
އދ ގެ މައި މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބަންކީމޫން ވިދާޅުވީ ސޫރިޔާގެ މައްސަލަ ވަރަށް ދިގުލައިގެން ގޮސްފި ކަމަށާއި، މިކަމުގެ ސަބަބުން ކުށެއް ނެތް އެތައް ބަޔަކު ދުނިޔެއާއި އަލް-ވަދާއު ކިޔަން ޖެހި، މުޅި ޤައުމު ސުންނާފަތި ވަމުންދާކަމަށެވެ.


 
ބަންކީ މޫން ވިދާޅުވީ މިކަމާއި ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި،އުންމީދަކީ މިކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް އެއްގަލަކަށް އަރާ މަޝްވަރާގެ އުޞޫލުން ސޫރިޔާގެ މައްސަލައަށް ޞުލްހަވެރި އަމާން ޙައްލެއް ގެނައުން ކަމަށެވެ.



 

ބަން ވިދާޅުވީ މިހާތަނަށް ބޭއްވުނު މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވި ނަމަވެސް މުސްތަޤްބަލްގައި އަދި އިތުރު މަޝްވަރާއަކަށް ގޮސްގެން ނަމަވެސް ސޫރިޔާގެ މައްސަލަ ޙައްލު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.