ކުޅިވަރު

އޭދަފުށި ސައްޓު މިލަންދޫ ސަލާމަތްކޮށްދީފި


އއ.މާޅޮސް މޮޅުވާން ދަނިކޮށް ބަދަލުކުޅުންތެރިޔާ އޭދަފުށީ އިޝާން އިބްރާހީމް (ސައްޓު) ކުޅެން ނިކުމެ މިލަންދޫ ސަލާމަތްކޮށްދީފިއެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު މާޅޮހާއި މިލަންދޫ ވާދަކުރި މެޗް ނިމުނީ 2-2 ން ދެ ޓީމް އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ދެ ގޯލް ޖަހައި ލީޑް ނެގީ މާޅޮހުންނެވެ. ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި އެންޖެލް ކަރަސްކޯސާ މުނޯޒް ޖަހައިދިންއިރު، ދެވަނަ ލަނޑު ދެވަނަ ހާފްގައި ޖަހައިދިނީ ކެޕްޓަން އިބްރާހިމް ނާއިފްއެވެ. މާޅޮހުގެ ދެ ގޯލާއިއެކު މިލަންދޫން ކުޅުން ރަނގަޅުކޮށް މާޅޮހުގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. 

ނަތީޖާއެއްގެ ގޮތުން މެޗުގެ 85 ވަނަ މިނެޓުގައި ބަދަލްކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އިޝާން އިބްރާހިމް (ސައްޓު) އެޓީމްގެ ފުރަތަމަ ލަނޑު ޖެހައިދިނެވެ. މެޗުގެ އިތުރު ވަގުތުގައި މިލަންދޫއަށް ނަތީޖާ ހަމަހަމަކޮށްދިނީވެސް އިޝާންއެވެ.

މެޗަށްފަހު ށ.މިލަންދޫގެ އެސިސްޓަންޓް ކޯޗް މުޙައްމަދު ނާސިރު ބުނީ މެޗުން ލިބުނު ޕޮއިންޓަކީ ކުޅުންތެރިންގެ ބުރަ މަސައްކަތްކަމަށާއި، އެންމެ ފަހު ވަގުތާއިހަމައަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ. އޭނާ ބުނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިޝާން އިބްރާހިމްގެ ރިލީޒްގެ ކަންތައްތައް އަދިވެސް ހަމަނުޖެހޭކަމަށާއި، އޭނާ ޓީމާއިއެކު ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާ ހިސާބުން މަންޒަރު ތަފާތުވާނެކަމަށެވެ.

"ކުޅުންތެރިން އެންމެ ފަހު ވަގުތާއި ހަމައަށް ކުރި މަސައްކަތުގެ ނަތީޖާ މީ، މިލަންދޫ ޓީމްގެ ކުޅުންތެރިން އަބަދުވެސް ވަރަށް ހިތްވަރުކުރާނެ" ނާސިރު ބުންޏެވެ.

މެޗަށްފަހު އއ.މާޅޮހުގެ އެސިސްޓަންޓް ކޯޗް އަލީ ނިޝްތާރު ބުނީ ފަހު ވަގުތުކޮޅު ދިމާވީ ބުންވަރުގެ މައްސަލަކަމަށާއި، ފިޓްނަސް ދަށީކަމަށެވެ. އޭނާ ބުނީ ލަނޑުޖަހަން ފުރުސަތުތައްވެސް ލިބުނުކަމަށާއި، މެޗުން ޕޮއިންޓެއް ލިބުމަކީ މާޔޫސްކަމެއް ނޫންކަމަށެވެ. އަދި އޭނާ ގަބޫލުކުރާ ގޮތުގައި ކޮންމެ މެޗަކުންވެސް ޓީމަށް ލިބޭނީ ހައްގު އެއްޗެއްކަމަށްވެސް ނިޝްތާރު ފާހަގަކުރިއެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި ޑިޒާވްވާ އެއްޗެއް ލިބޭނީ، މިއަދު އަޅުގަނޑުމެންނަށް ޑިސާވްވީ ޕޮއިންޓެއް. އެހެންވީމަ އޯކޭހަމަ. ފިޓްނަސްގެ މައްސަލަ އަސްލު ދިމާވީ، އެކަމަށް ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރާނަން" ނިޝްތާރު ބުންޏެވެ.