ޚަބަރު

ރާއްޖެ ކައިރިން ދިޔަ ބޯޓެއް ކުއްލި ޙާލަތުގައި އުލިގަމަށް ވަދެއްޖެ


އިންޑިޔާ ކަނޑުން ދަތުރުކުރަމުންދިޔަ، ޑޮމިނިކަން ރިޕަބްލިކްގެ ޓަގް ބޯޓެއް، ކަނޑުގަދަވެ، ކުއްލި ޙާލަތުގައި ހއ.އުލިގަމުގައި ބަނދަރުކޮށްފިއެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ "ގޯލްޑެން ޕްރައިޑް" ނަމަކަށް ކިޔާ މި ޓަގްބޯޓު ރާއްޖެ އައިސް، އުލިގަމުގައި ބަނދަރުކުރީ އިއްޔެ ހަވީރު ކަމަށެވެ. މި ބޯޓުން ރާއްޖޭގެ އެހީތެރިކަމަށް އެދުނީ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ދަތުރު ނުކުރެވުމުން ކަމަށާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ދެއްވުމުން އުލިގަމު އިރުމަތީ ފަރާތުގައި ބަނދަރު ކުރުމުގެ ހުއްދަ ދެއްވީ ކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.

މި ބޯޓުގައި 25 މީހުން ތިބި ކަމަށާއި، މިއީ އިންޑިޔާގެ ކުންފުންޏަކުން އޮޕަރޭޓް ކުރާ ޓަގު ބޯޓެއް ކަމަށްވެސް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ. ދަތުރު ކުރުމަށް އެކަށީގެންވާ ވަރަށް މޫސުން ރަގަޅުވުމުން ޓަގުބޯޓު ފުރުމަށް ތައްޔާރުވަމުންދާ ކަމަށް އެމް.އެންޑީ.އެފުން ވިދާޅުވެއެވެ.