ޚަބަރު

އިންތިޚާބުވި ކައުންސިލަރުން ހުވާކުރައްވަން ފަށްޓަވައިފި


ލޯކަލް ކައުންސިލްތަކުގެ ކުރިއަށް އޮތް ދައުރަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރައްވަން ފަށްޓަވައިފިއެވެ.

މިއަދު ހެނދުނުން ފެށިގެން އެކި ކައުންސިލްތަކުގެ ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުތައް ދަނީ ބާއްވަމުންނެވެ. މިހާތަނަށް ހުވާކޮށްފައިވާ ކައުންސިލްތަކަށް ބަލާއިރު، ބައެއް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް ހިމެނެއެވެ.

މިއަދާއި މިރޭ ވެސް ކައުންސިލްތައް ހުވާކުރުން އޮންނާނެ ކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީން ވިދާޅުވެފައިވެއެވެ. ސިޓީ ކައުންސިލްތަކަށް ބަލާއިރު، މާލެ ސިޓީ ކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލް ހުވާކުރުން އޮންނާނީ މިރެއެވެ. ރާއްޖޭގައި ތިން ވަނައަށް ސިޓީއެއްގެ ދަރަޖަ ދީފައިވާ ފުވައްމުލަކު ސިޓީ ކައުންސިލް ހުވާކުރުން މިއަދު ހަވީރު ބޭއްވުމަށް ވަނީ ހަމަމަޖެހިފައެވެ.

މޭމަހުގެ 6 ވަނަ ދުވަހު ބޭއްވި ލޯކަލްކައުސިލް އިންތިޚާބުގައި 3 ސިޓީ ކައުންސިލަކާއި، 18 އަތޮޅު ކައުންސިލް އަދި 181 ރަށު ކައުންސިލަކަށް ޖުމްލަ 664 މެމްބަރުން ވަނީ އިންތިޚާބުވެފައެވެ.