ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޚާއްސަ ތަރާވީހެއްދެއްވައިފި


ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ޚާއްސަ ތަރާވީޙެއް ދެއްވައިފިއެވެ.

މުލިއާގޭ ދެއްވި މިތަރާވީޙުގައި މޯލްޑިވްސް އެސޯސިއޭޝަން ފޮރ ފިޒިކަލް ޑިސްއެބިލިޓީސް، ޓައިނީ ހާޓްސް، ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް، ސޮަސައިޓީ ފޯ ހެލްތް އެޑިއުކޭޝަން، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، ކެއަރ ސޮސައިޓީ، ބިއުޓިފުލް އައިސް ޑައުން-ސިންޑްރޯމް އަދި މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ އިސް ފަރާތްތައް ބައިވެރިވިއެވެ.

ތަރާވީހަކާއެކު ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާ ވަކިވަކިން މެޑަމް ފާތިމަތު އިބްރާހިމް ވަނީ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، މި ޖަމްޢިއްޔާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކާއި ގުޅޭގޮތުން މަޢުލޫމާތު ބަދަލުކުރެވިފައިވެއެވެ. މީގެ އިތުރަށް މި ތަރާވީޙުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ފަރާތްޕުޅުން ކޮންމެ ޖަމްޢިއްޔާއަކަށް ރަމްޒީ ހަދިޔާއެއްވެސް ވަނީ ދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ދައުލަތުގެ ބައެއް ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވި މި ތަރާވީހުގައި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްވަނީ އެފަރާތްތަކަށް ދެއްވާފައެވެ.