ޓެކްނޮލޮޖީ

ވޯލްޑްވައިޑް ޑިވެލޮޕަރސް ކޮންފަރެންސް ހޯމަ ދުވަހު ފަށަނީ


އެޕަލް ކުންފުނީގެ ފަރާތުން ކޮންމެ އަހަރަކު ބާއްވާ ވޯލްޑްވައިޑް ޑިވެލޮޕަރސް ކޮންފަރެންސްގެ މި އަހަރުގެ ކޮންފަރެންސް އަންނަ ހޯމަ ދުވަހު ފަށަން ހަމަޖައްސައިފިއެވެ.

ވޯލްޑްވައިޑް ޑިވެލޮޕަރސް ކޮންފަރެންސް - ޑަބްލިއު.ޑަބްލިއު.ޑީ.ސީ އަކީ އެޕަލްގެ އައު ސޮފްޓްވެއަރތަކާއި އައު ޓެކްނޮލޮޖީ, ސޮފްޓްވެއަރ ޑިވެލޮޕަރުންނަށް ދައްކާލުމަށް ކުރިޔަށްގެންދާ އިވެންޓެކެވެ. މި އިވެންޓުގެ ތެރެއިން އެޕަލް ކުންފުނީގެ އުފެއްދުންތަކުގައި ބޭނުންކުރަން ނެރޭ އައު ސޮފްޓްވެއަރތަކުގެ މަޢުލޫމާތު ހާމަކުރެއެވެ. މިގޮތުން އެޕަލް އައިފޯނުގައި ބޭނުންކުރާ އައިއޯއެސް، މެކްބުކްތަކަށް ޚާއްޞަ މެކްއޯއެސް، އެޕަލްޓީވީއަށް ޚާއްޞަ ޓީވީއޯއެސް އަދި އެޕަލް ވޮޗަށް ޚާއްޞަ ވޮޗްއޯއެސްގެ އައު ވަރޝަންތަކެއް މިފަހަރުގެ އިވެންޓުގައި ދައްކާލާނެ ކަމަށް ވަނީ ބެލެވިފައެވެ. އެޕަލް ކުންފުނިން މީގެ ކުރީ އަހަރުތަކުގައި ބާއްވާފައިވާ ވޯލްޑްވައިޑް ޑިވެލޮޕަރސް ކޮންފަރެންސްތަކާއި ޙިލާފަށް މިފަހަރުގެ މި އިވެންޓުގައި ސޮފްޓްވެއަރގެ އިތުރުން ބައެއް ޑިވައިސްތަކުގެ ހާޑްވެއަރ ކުރިއެރުންތަކެއްވެސް އެޕަލްގެ ފަރާތުން ހިއްޞާކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ވޯލްޑްވައިޑް ޑިވެލޮޕަރސް ކޮންފަރެންސް - ޑަބްލިއު.ޑަބްލިއު.ޑީ.ސީ 2017 ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 5 ވާ ހޯމަ ދުވަހު ރާއްޖެ ގަޑިން 22:00 ގައެވެ.