ސޫރިޔާގައިވާ އައިއެސް ޖަމާއަތުގެ މައި މަރުކަޒު ކަމަށްވާ އައްރިއްޤާ މިނިވަން ކުރުމަށް ހަނގުރާމަކުރާ ކުރުދީ ބާރުތަކުން އެސިޓީގެ ހުޅަނގުގައިވާ އަލްމަންސޫރާ އަވަށުން އައިއެސްގެ ހަނގުރާމަވެރިން ފައްސާލައިފިއެވެ. އެމެރިކާގެ ތާއީދު ލިބިފައިވާ "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އާއި ޙަވާލާދީ ރޮއިޓާސް ބުނީ، މީގެ 3 ދުވަސް ކުރިން އަލްމަންސޫރާ މިނިވަންކުރުމަށް ފެށި ހަނގުރާމަ ހުކުރުދުވަހު ކާމިޔާބު ވެފައިވުމާއެކު މިހާރު އެ އަވަށް މިނިވަން ކުރެވިފައިވާ ކަމަށެވެ.
"ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އަކީ ސޫރިޔާގެ އުތުރުގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އެންމެ ބާރުގަދަ އަދި އެމެރިކާގެ ތާއީދާއި އަސްކަރީ މަދަދު އެންމެ ބޮޑަށް ލިބެމުންދާ ޖަމާއަތެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިންވަނީ "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އަށް ޒަމާނީ ހަތިޔާރު ދާދިފަހުން ފޯރުކޮށްދިންކަން ކަށަވަރުކޮށްދީފައެވެ. އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި އެމެރިކާ އިސްކޮށް އޮވެގެން އުފައްދާފައިވާ އެލަޔަންސް ބުނާގޮތުން އައިއެސްއަށް ނިސްބަތްވާ ތިންހާހާއި ހަތަރު ހާހާ ދެމެދުގެ ހަނގުރާމަވެރިން އައްރިއްޤާ ސިޓީގައި މެދުތެރޭގައި ފައިހަރުކޮށްލައިގެން އެބަތިއްބެވެ. އަދި އައްރިއްގާ އަށް ޙަމަލާދީ އެސިޓީ ހިފުމަށް ތައްޔާރުވުމުގެ ގޮތުން އެސިޓީއާއި އެސިޓީގެ ވަށައިގެންވާ އަވަށްތައް ހިސާރުކުރުމުގައި "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އިން ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން ގެންދާކަން ސޫރިޔާގެ މުސްތަގިއްލު ޖަމާއަތެއް ކަމަށްވާ ސީރިޔަން އޮބްޒަވޭޓްރީ ފޯރ ހިއުމަން ރައިޓްސް އިންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
"ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އިން ފާއިތުވި 3 ހަފްތާ ތެރޭގައިވަނީ އައްރިއްޤާގެ ކައިރީގައިވާ 300 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް އެޖަމާއަތުގެ ބާރުގެ ދަށަށް ގެނަސްފައެވެ. އައްރިއްޤާ އަކީ އައިއެސްއިން އެ ޖަމާއަތުން އިޢްލާންކޮށްގެން އުޅޭ ޚިލާފަތުގެ ވެރިރަށް ކަމުގައި ހަދައިގެންއުޅޭ ސިޓީއެވެ. އައްރިއްގާ މިނިވަން ކުރެވިއްޖެނަމަ އައިއެސް ޖަމާއަތް ސޫރިޔާގައި ވަރަށް ބަލިކަށިވެގެން ދާނެއެވެ. އައްރިއްޤާ މިނިވަން ކުރުމުގެ ހަނގުރާމަ މަރުހަލާތަކަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔުމަށް އެމެރިކާއާއި "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އިން ރާވައި ޕްލޭން ކޮށްފައިވާއިރު އެރަށުގެ ރައްޔިތުންގެ ތެރެއިން އެތަށް ހާސްބަޔަކު ގެންދަނީ ރެފިއުޖީންގެ ގޮތުގައި އެރަށުން ނުކުންނަމުންނެވެ.
އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ ޖަމާއަތެއްކަމަށްވާ ޑޮކްޓާސް ވިތައުޓް ބޯޑާސް ބުނާގޮތުން އައްރިއްޤާގެ އާންމުން ރެފިއުޖީންގެ ގޮތުގައި އެރަށުން ނުކުންނަމުންދަނީ ގަދަ ހޫނާއި އައިއެސްގެ ހަނގުރާމަވެރިންގެ ރަހުމެއްނެތް ބަޑީގެ ޙަމަލާތަކުގެ ބިރުވެރިކަމުގެ ތެރެއިންނެވެ. އަދި އައްރިއްޤާގެ ވަށައިގެން ވަޅުލާފައިވާ މައިން ދަނޑުތައް ހުރަސްކޮށް އާންމުން ނުކުންނަމުން ދިޔުމުގެ ސަބަބުން މައިންތައް ގޮވައިގެން އާންމުންގެ އެތައް ބަޔަކު މަރުވެ އިތުރު ބަޔަކު ޒަޚަމްވުމުގެ ނުރައްކާވެސް އެބައޮތް ކަމަށް އެޖަމާއަތުން ބުނެއެވެ. ރެފިއުޖީންގެ ގޮތުގައި އައްރިއްޤާއިން ނުކުންނަމުންދާ އާންމުން ޖަމާވަނީ އެރަށުގެ އުތުރުގައިވާ ބޮޑު ފޭލިގެއަކަށެވެ. ނަމަވެސް އެ ފޭލިގޭގެ ޖާގައަށްވުރެ އިތުރަށް ރެފިއުޖީން ޖަމާވެއްޖެނަމަ އެމީހުންނަށް ހިޔާވަހިކަމާއި ކާބޯތަކެތި ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އދ. ން ބުނެއެވެ.