ޚަބަރު

އެންމެ ރަނގަޅު ވެބްސައިޓަކަށް އަލްޖަޒީރާ!!


ދުނިޔޭގެ މީޑިއާތަކުގެ މެދުގައިދޭ އެންމެ ޝަރަފުވެރި އެއް އެވޯޑުކަމުގައިވާ، ޑްރަމް އޮންލައިން މީޑިއާ އެވޯޑުގެ އެންމެ ޝަރަފުވެރި އެވޯޑުތައް، ޤަތަރުގެ އަލްޖަޒީރާ މީޑިއާ ނެޓްވޯކަށް ލިބިއްޖެއެވެ.

ބުރާސްފަތިދުވަހުގެރޭ އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި ޑްރަމް އޮންލައިން މީޑިއާ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި އަލްޖަޒީރާ މީޑިއާ ނެޓްވޯކުން ވަނީ ފާހަގަކޮށްލެވޭ 6 އެވޯޑެއް ހޯދާފައެވެ. އޭގެ ތެރެއިންވެސް އަލްޖަޒީރާގެ ވެބްސައިޓަށް ލިބުނު އެންމެ ރަނގަޅު ޚަބަރު ވެބްސައިޓުގެ އެވޯޑު ހިމެނެއެވެ. މީގެ އިތުރުން ތުރުކީއަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތުގެ ޙަބަރު ގެނައުމުގެ ހަރަކާތްތެރިވިލެއް އަވަސްކަމުން، އެންމެ މޮޅު ބްރޭކިންގ ނިއުސް ކަވަރޭޖްގެ އެވޯޑުވެސް ހޯދީ އަލްޖަޒީރާއިންނެވެ. 

img:http://s4.psmnews.mv/images/660x400/14964201825082.jpg|އަލްޖަޒީރާގެ ނިއުސްރޫމް / ގިނަ އެވޯޑްތަކެއް އަލްޖަޒީރާއިން ވަނީ ހޯދާފައި

އަލްޖަޒީރާއަށް ލިބުނު އެހެން އެވޯޑްތަކުގެ ތެރޭގައި ޗެއަރމަންގެ އެވޯޑާއި، އެންމެ ރަނގަޅު ޓްވިޓަރ ފީޑްގެ އެވޯޑް، އެންމެ މޮޅު ފޮޓޯގްރާފަރުގެ އެވޯޑް، އަދި އިންވެސްޓިގޭޝަން ޖަރނަލިޒަމްގެ އެވޯޑް ހިމެނެއެވެ. މިއެވޯޑްތަކުގެ އިތުރުންވެސް އަލްޖަޒީރާއިން ތައްޔާރުކޮށްފައިވާ އެކި ޕްރޮގްރާމްތަކާއި ޑޮކިއުމެންޓަރީތަކަށް ވަނީ އެވޯޑް ލިބިފައެވެ. 

މިއެވޯޑުތަކުގައި އަލްޖަޒީރާއާ އެންމެ ގާތުން ވާދަކުރި މީޑިއާ ނެޓްވޯކްތަކުގެ ތެރޭގައި ސީއެންއެން، އިންޑިޕެންޑެންޓް އަދި ޗެނަލް 4 ހިމެނެއެވެ. 2016 ވަނަ އަހަރުވެސް އަލްޖަޒީރާ އިންގްލިޝް އޮންލައިނުން ވަނީ 4 އެވޯޑެއް ހޯދާފައެވެ. އޭގެ ތެރޭގައި އެންމެ ރަނގަޅު ވެބްސައިޓުގެ އެވޯޑުވެސް ހިމެނެއެވެ.

ޤަތަރުގެ ދޯހާގައި ހެޑްކުއާޓަރޒް ހުންނަ އަލްޖަޒީރާގެ 80 އަށްވުރެ ގިނަ ބިއުރޯ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރެއެވެ.