ޚަބަރު

މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވައިފި


މިއަދާއި މާދަމާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާތީ، މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކިހިސާބަށް މިއަދުވެސް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މެދުތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލާއި 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ހާމަކުރައްވައެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެކަމަށާއި، އެހެން ހިސާބުތަކުގައި ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ބައެއް ރަށްތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. ވިއްސާރައިގެ ސަބަބުން ދިމާވެދާނެ ފެންބޮޑުވުމުގެ ޙާދިސާއަކަށް ރަށު ފެންވަރުގައި ތައްޔާރުވެ ތިބުމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.