ޚަބަރު

"ނިލަންދޫގައި ގެއްލުން ލިބުނު ޢާއިލާތައް ތިބީ ޢާންމު ޙާލަތުގައި"


ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައިގައި ބުރާސްފަތި ދުވަހު ފ.ނިލަންދުއަށް ވަނީ ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ނަގޫރޯޅީގައި ވަނީ 8 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އެހެން ބައެއް ގޭގެއަށް ކުދިކުދި ގެއްލުން ލިބިފައިވެއެވެ. 

ނަގޫރޯޅި އެރުމާއެކު، އެރަށުގައި މަސައްކަތްކުރައްވާ ފުލުހުންނާއި ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުން ނިކުމެ، މި ޙާދިސާގައި ގެއްލުންލިބުނު ޢާއިލާތައް ޢާންމު ޙާލަތަކަށް ގެނައުމަށް ވަނީ މުހިންމު މަސައްކަތެއް ކޮށްފައެވެ. މީގެތެރޭގައި ގެއްލުން ލިބުނު ގެތަކުގެ ތެރެއިން މީހުން ދިރިއުޅޭ ގޭގެ ވަގުތީގޮތުން މަރާމާތުކޮށްދީ، ޢާއިލާތައް ޢާންމު ދިރިއުޅުމައިގެން ކުރިޔަށް ދެވޭގޮތަށް އިންތިޒާމްތައް ކޮށްދިނުން ހިމެނެއެވެ. އަދި ބޮޑެތި ގެއްލުން ލިބުނު ތަންތަނުގައި ހުރި މުދަލަށް އިތުރު ގެއްލުންތައް ކުރިމަތިނުވާނެ ގޮތް ހެދުމާއި މި ނޫންވެސް އެހީތެރިކަމުގެ ގޮތުން ކޮށްދެއްވެން ހުރި ކަންތައްތައް ވަނީ ކޮށްދީފައެވެ. އެހެންކަމުން އެއްވެސް ޢާއިލާއެއް އެހެން ގޭގެއަށް ބަދަލުވާން ޖެހުންފަދަ ދަތިގޮތްތައް ތަޙައްމުލްކުރަން ނުޖެހޭވަރަށް އެހީތެރިކަން ލިބިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރ ޑރ.ޢަބްދުﷲ ޚަލީލް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14713453095983.jpg|ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ.އަބްދުﷲ ޚަލީލް

ނިލަންދުއަށް އެރި ނަގޫރޯޅީގެ ސަބަބުން ގެއްލުން ލިބުނު އެއް ގެއަކީ ދެބުރިއަށް ޢިމާރާތްކޮށްފައިވާ ގެއެކެވެ. އެގޭގެ ފުރާޅު ހަލާކުވުމާ ގުޅިގެން މަތީބުރީގައި ދިރިއުޅުނު މީހުން ތިރީބުރިއަށް ބަދަލުވެ، އަދި ސަލާމަތުން ހުރި ތަކެތިވެސް ތިރީބުރިއަށް ބަދަލުކޮށް، އެހެން ގެއަކަށް ބަދަލުނުވެ އެޢާއިލާ ދިރިއުޅެމެން ދަނީ އެގޭގައެވެ. އަދި ހަދައި ނިންމާފައި މީހުން ދިރިއުޅެން ނުފަށާ ހުރި ގެއެއްގެ ފުރާޅު ނަގޫރޯޅީގައި އެއްލާލާފައިވާއިރު، އެ ފުރާޅާއި ފުރާޅުގެ އޮނިގަނޑު ނުވަތަ މަތިވަޑާންގަނޑުވެސް ނަގޫރޯޅިއާއެކު ރަށުން ބޭރުވެފައިވާކަމަށް ވަނީ ބެލިފައެވެ. މިގޮތަށް ބެލިފައިވަނީ އެރަށުން އެ ފުރާޅުވެސް އަދި މަތިވަޑާންގަނޑުވެސް ފެނިފައިނުވާތީއެވެ.

ބޮޑެތި ގެއްލުން ލިބުނު އެހެން ޢިމާރާތްތަކުގެ ތެރޭގައި ވަޑާންގެއަކާއި ހަދާ ނިމުމަކަށް އައިސްފައިވާ ޑެންޓަލް ކުލިނިކެއްވެސް ހިމެނެއެވެ. ވަޑާންގޭގައި ހުރި ހުރިހާ މެޝިނެއްހެން ވަނީ ހަލާކުވެފައިކަމަށާއި އަދި ޑެންޓަލް ކުލިނިކްގެ މެޝިނާއި ވަޞީލަތްތައްވެސް ހަލާކުވެފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ބުރާސްފަތި ދުވަހު ފ. ނިލަންދުއަށް އެރި ނަގޫރޯޅިއާ ގުޅިގެން، އެ ދުވަހު ވަގުތުން ވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރގެ ޓީމެއް އެރަށަށް ފޮނުއްވައި، ކަމާގުޅޭގޮތުން އެ ސެންޓަރުން ކުރައްވަންޖެހިވަޑައިގަންނަވާ މަސައްކަތްތައް ފަށްޓަވާފައެވެ. އަދި ފުލުހުންނާއި ސިފައިންނާއި ސަރުކާރުގެ ކަމާގުޅުން ހުރި އެހެން އިދާރާތަކުގެ އޮފިޝަލުން މިހާރުވެސް އެރަށުގައި މަސައްކަތް ކުރައްވަމުން އެބަގެންދަވައެވެ. ނަގޫރޯޅީގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުގެ ތަފްޞީލް ދެނެގަތުމާއި އަދި އެކަމާގުޅުން ހުރި ކަންކަން އިންތިޒާމްކުރެއްވުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުން އެބަގެންދެއެވެ.

img:http://s3.psmnews.mv/images/660x400/14964048317682.jpg|ނަގޫރޯޅި އަރައި ނިލަންދޫއަށް ލިބުނު ގެއްލުންތަކުގެ ތެރެއިން / ފޮޓޯ: އަބްދުﷲ ޚަލީލް

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރ ޑރ. ޢަބްދުﷲ ޚަލީލް، ޕީއެސްއެމް ނިވްސްއާ ވާހަކަދައްކަވަމުން ވިދާޅުވީ ނަގޫރޯޅީގެ ސަބަބުން ގެއްލުން ލިބުނު ޢާއިލާތަކުގެ މެންބަރުން ތިބީ ސަރުކާރުން އެމީހުންގެ ޙާލު ބައްލަވައި އެހީތެރިވެދެއްވުމުގެ ކަންކަން ކުރިޔަށް ގެންދަވާގޮތާމެދު އިތުބާރާއި ޔަޤީންކަމުގެ ވިސްނުމުގައި ކަމަށެވެ. އަދި ރަށުގެ ކައުންސިލާއި ރަށުގެ ރައްޔިތުން މިކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ބޭނުންވާ އެއްބާރުލުން ދެމުން ގެންދާކަމަށް ވިދާޅުވިއެވެ. 

ނިލަންދުއަށް މި ދިމާވި ހިތާމަވެރި ޙާދިސާއާ ގުޅިގެން ރަށުގެ ރައްޔިތުންގެ ފަރާތުން ފެނުނު އެއްބާރުލުމާއި އެހީތެރިވެދިނުމާއި އެކުވެރިކަމުގެ ސިފަތައް، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރ ޑރ. ޢަބްދުﷲ ޚަލީލް ފާހަގަކުރެއްވިއެވެ.