ޚަބަރު

ވިއްސާރައިގައި ވައިކަރަދޫގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް


ރާއްޖޭއަށް މިހާރުކުރާ ވިއްސާރައިގައި ހދ. ވައިކަރަދޫގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.

މިހާރުކުރާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ރާއްޖޭގެ ދެކުނާއި އުތުރަށްވެސް ދޭތެރެ ދޭތެރެއިން ކޮޅިގަނޑުތައް އަންނަމުންދެއެވެ.

އިއްޔެ ރޭ އުތުރަށް އައި ކޮޅިގަނޑެއްގައި ވައިބާރުވެ އެއަތޮޅު ވައިކަރަދޫގެ 50 ދަނޑަކަށް ވަނީ ބޮޑެތި ގެއްލުތަކެއްވެފައެވެ. ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވައިކަރަދޫ ކައުންސިލްގެ ރައީސް އިބްރާހީމް މުޙައްމަދު ވިދާޅުވީ، ވައިގަދަވުމުގެ ސަބަބުން އެރަށުގެ ފަންސާސް ދަނޑެއް ހާލާކުވެފައިވާކަމަށެވެ. ކޮންމެ ދަނޑެއްގައިވެސް ތިންހާސް އަކަފޫޓު ހުންނަ މިދަނޑުތަކުގައި މައިގަނޑުގޮތެއްގައި ހައްދާފައި ހުރީ ފަތް ކޭލާއި، ފަޅޯ ފަދަ ބާވަތްތައް ކަމަށާއި، ވައިގަދަވެ ލިބުނު ގެއްލުންތަކުގައި ދަނޑުތަކުގައި ހުރި އެކި ބާވަތްތަކުގެ ގަސްތައް ވެއްޓި އެގަސްގަހުގައި އަޅާފައިވާ އެތަކެއް ބާވަތެއް ހާލާކުވެފައިވާކަމަށް ވައިކަރަދޫ ކައުންސިލުން ވިދާޅުވެއެވެ.