ޚަބަރު

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ވެމްކޯގެ ޖޮބް ފެއަރ ފަށައިފި


ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ވެމްކޯގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ކުރިމަތިލުމަށް ހުޅުވާލައި ޖޮބްފެއަރއެއް ފަށައިފިއެވެ.

މިއަދު ފެށި މިފެއަރ ކުރިއަށް ދަނީ މިރޭ 11 ޖެހުމާ ހަމައަށް ދަރުބާރުގޭ ފާށަނާ މާލަމުގައެވެ. މި ފެއަރ އަކީ ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން ވެމްކޯއިން މިހާރު ހުސްވެފައިވާ ވަޒީފާތަކަށް މުވައްޒަފުން ހޮވުމަށް ބާއްވާ ފެއަރއެކެވެ. މިފެއަރ ގައި ތަފާތު އެކިވަޒީފާގެ ފުރުޞަތުތަށް ހުޅުވާލާފައިވެއެވެ. އެގޮތުން ކޭޝިއަރުންނާއި އެސިސްޓެންޓް ސިވިލް އިންޖިނިއަރުންނާއި ޑްރައިވަރުންނާއި މެކޭނިކުންގެ މަޤާމުތަކަށްވެސް މިފެއާގައި ފުރުސަތު ހުޅުވާލާފައިވެއެވެ.

މި ފެއަރއަކީ ވެމްކޯއިން މާލޭގައި ބާއްވާ މިފަދަ ފުރަތަމަ ޖޮބް ފެއާރއަށް ވާއިރު މި ފެއަރއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބޭކަމަށް ވެމްކޯއިން ފާހަގަކުރެއެވެ. މިއަދު ދެދަންފަޅިއަކަށް ކުރިއަށްގެންދާ މި ފެއަރގެ ފުރަތަމަ ދަންފަޅި ކުރިއަށް ގެންގޮސްފައި ވަނީ މިއަދު މެންދުރު ދޭކުން ހަވީރު ފަހަކަށެވެ. ދެވަނަ ދަންފަޅި ކުރިއަށް ގެންދަނީ މިރޭ އަށަކުން އެގާރައަށްކަމަށް ވެމްކޯއިން މައުލޫމާތުދެއެވެ.

މި ފެއަރގެ ތެރޭގައި ވޭސްޓް މެނޭޖްމެންޓް ސަރވިސްގެ މައުލޫމާތު ދިނުންވެސް ހަމަޖެހިފައިވެއެވެ. ދަރުބަރުގޭގެ ފާށަނާ މާލަމުގައި ކުރިއަށްދާ މި ފެއަރ އަށް ދާއިރު ވަޒީފާއަށް ކުރިމަތިލާ މީހުންގެ މުއްދަތު ހަމަނުވާ އައިޑީކާޑާއި، ލިބިފައިވާ ސެޓްފިކެޓްތަކާއި ލިޔެކިޔުންތަކުގެ އަސްލު ހިފައިގެން ދިއުމަށް ވެމްކޯއިން ވަނީ އިލްތިމާސް ކުރައްވާފައި.