ދީން

ސްރީލަންކާގައި ދިވެހި ޚުޠުބާއަކާއެކު ހުކުރު ނަމާދުކޮށްފި


ސްރީލަންކާގެ ސޯސަންވިލާގައި ދިވެހި ޚުތުބާއަކާއެކު ފުރަތަމަ ފަހަރަށް މިއަދު ހުކުރު ނަމާދުކޮށްފިއެވެ.

މިއީ ދިވެހިން ގިނަ އަދަދަކަށް އުޅެމުންދާ ސްރީލަންކާގައި ދިވެހި ޚުތުބާއާއި އެކު ހުކުރު ކުރި ފުރަތަމަ ފަހަރެވެ.

ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގައި މިއަދު ކުރި ހުކުރު ނަމާދު އިމާމްވެ ކުރައްވާފައިވަނީ، މުހައްމަދު ޝައްފާފުއެވެ. މިއަދުގެ ހުކުރު ނަމާދުގައި ލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.

ޕީ.އެސް.އެމް ނިއުސް އަށް މަޢުލޫމާތުދެއްވަމުން އެމްއީސީސީ ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަޝީދް ޢާދަމް ވިދާޅުވީ، މިއަދު ހުކުރު ނަމާދުކުރީ ސޯސަންވިލާގެ ގޯތިތެރޭގައި މިހާރުވެސް ތަރާވީސް ނަމާދުކުރާ ސަރަހައްދުގައި ކަމަށެވެ. އަދި ހުކުރު ނަމާދުގައި އިއްވާފައިވަނީ މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުތުބާކަމަށްވެސް އަބްދުއް ރަޝީދު ވިދާޅުވިއެވެ.

ރަމަޟާން މަސް ނިންމެންދެން ސޯސަންވިލާގައި ހުކުރު ނަމާދުކުރުން އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ޚުތުބާއަކާއެކު ލަންކާގައި މިއަދު ހުކުރު ނަމާދުކޮށްފައިވާއިރު، މީގެ ކުރިން ބޮޑު ޖަމާއަތުގައި އެސެންޓަރުގައި ކުރި ޢީދު ނަމާދުގައި ވެސް ދިވެހި ޚުތުބާ ވިދާޅުވެފައިވެއެވެ.