ކުޅިވަރު

މާޒިޔާގެ ކުޅުމާއި، ހިތްވަރަށް ތައުރީފް ހައްޤު - ސުޒޭން


އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ނަމަވެސް މުބާރާތުގައި މާޒިޔާއިން ދެއްކި މޮޅު ކުޅުމާއި، ހިތްވަރަށް ތައުރީފް ހައްޤުކަމަށް އެޓީމްގެ ކުރީގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

 އޭއެފްސީ ކަޕްގައި މާޒިޔާއާއި ބެންގަލޫރު އެފްސީ އިއްޔެ ވާދަކުރި މެޗަށްފަހު ވިކްޓްރީގެ ކޯޗު އަލީ ސުޒޭން ބުނީ މާޒިޔާއިން ދިވެހި ކްލަބްތަކުގެ ފެންވަރު އަންގައިދީފިކަމަށާއި، މިފަހަރު ނަސީބުވެސް އެހީ ނުވީކަމަށެވެ. އިންޑިޔާގެ ވަރުގަދަ މޯހަން ބަގާން ދެ ލެގުގައި ބަލިކުރުމަކީ ބޮޑު ކާމިޔާބެއްކަމަށާއި، ބެންގަލޫރު އަތުން ހަނި ގޮތަކަށް ބަލިވެ، މުބާރާތުން ކެޓިޔަސް މާޒިޔާއިން ދެއްކި ހިތްވަރާއި އަޒުމަށް ސާބަސްކިޔާކަމަށް ސުޒޭން ބުންޏެވެ.

މިދިޔަ ދެ އަހަރު އޭއެފްސީކަޕްގައިވެސް މާޒިޔާއަށް އިރުޝާދުދިން ކޯޗު ބުނީ ގްރޫޕްގެ އެންމެ ވަރުގަދަ އެއް ޓީމަކީ މާޒިޔާކަން އެޓީމުން ސާބިތުކޮށްދީފިކަމަށާއި، ކުޅުންތެރިންކުރި ބުރަ މަސައްކަތް ފާހަގަކުރާކަމަށެވެ. ބެންގަލޫރު އެފްސީ އަތުން ބަލިވެ، މާޒިޔާ ގްރޫޕް ސްޓޭޖުން ކެޓީ ހެޑް ޓު ހެޑަށް ބަލާއިރު ބެންގަލޫރަށް ކުރި ލިބޭތީއެވެ. ލިބިފައިވާ ޕޮއިންޓް ހަމަހަމަވާއިރު، ފައިދާ ގޯލްގެ ތަފާތުންވެސް ކުރި ލިބެނީ މާޒިޔާއަށެވެ. އެހެންނަމަވެސް އޭއެފްސީ ކަޕްގެ ޤަވާއިދަށް ބަލާއިރު ދެ ޓީމް ޕޮއިންޓްގެ ގޮތުން އެއްވަރުވެއްޖެނަމަ ބަލަނީ ދެ ޓީމްވާދަކުރި ދެ މެޗަށެވެ. ދެ މެޗުގައިވެސް އެކެއް ސުމެއްގެ ނަތީޖާއަކުން މާޒިޔާގެ މައްޗަށް ކުރި ހޯދާފައިވަނީ ބެންގަލޫރު އެފްސީއެވެ.