ޚަބަރު

މޫސުން ގޯސްވުމާއި ގުޅިގެން ޔެލޯ އެލާޓް ނެރުއްވައިފި


ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް މޫސުން ގޯސްވެ ގަދަ ވަޔާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރުއްވައިފިއެވެ.

މިއަދު ހެނދުނު 09:50 އިން ފެށިގެން މެންދުރު 14:00 އަށް ޔެލޯ އެލާޓް ނެރުއްވައިފައިވަނީ މެދުރާއްޖެތެރެ އިން ފެށިގެން އުތުރުގެ އަތޮޅުތަކަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ. އަދި އެވްރެޖްކޮށް 23 މޭލާއި، 29 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭކަމަށް ލަފާކުރެވޭކަމަށާއި، ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އޮފީހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްތަކަށް އެކިވަރުގެ ގެއްލުންތައް ދަނީ ލިބެމުންނެވެ.