ޚަބަރު

ކޮޅިގަނޑެއްގައި ތިނަދޫގެ ބައެއް ގެތަކަށް ގެއްލުންވެއްޖެ


މިރޭ އައި ކޮޅިގަނޑެއްގައި ވައިގަދަވެ ގދ. ތިނަދޫގެ ބައެއް ގެތަކާއި ތަންތަނަށް ގެއްލުންވެއްޖެއެވެ.

މިރޭ 7:45 ހާއިރު ވައިގަދަވެ ތިނަދޫގެ ބައެއް ގެތަކުގެ ފުރާޅު އެއްލާލައި، ބައެއްގެތަކުގެ އިންފާރުތައް ވެއްޓި، ރުއްގަސް ވެސް ވެއްޓިފައިވާކަމަށް ތިނަދޫ ކައުންސިލުން ވިދާޅުވެއެވެ. ތިނަދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އައްސަދު ވިދާޅުވީ، މިރޭ އެރަށަށް އެރި ކޮޅިގަނޑުގައި އެންމެ ބޮޑަށް ގެއްލުންވެފައިވަނީ ތިނަދޫގެ ހުޅަނގުފަރާތުގައި ހުރި ގެތަކަށްކަމަށެވެ. އެގޮތުން 15 ވަރަކަށް ގެއަށް އެކިވަރުގެ ގެއްލުންވެފައިވާކަމަށާއި، 4 ގެއެއްގެ ފުރާޅު ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށެވެ. އެނާ ވިދާޅުވީ، މަގުތަކަށް ވެއްޓުނު ފާރުތަކާއި ރުއްގަސް ވެއްޓުނު މަގުތައް ސާފުކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންގެ އިތުރުން އެމް.އާރުޑީސީގެ މުވައްޒަފުންނާއި ކައުންސިލް ގުޅިގެން ކުރިއަށްގެންދާކަމަށެވެ. މިހާދިސާގައި ތިންދޫގެ ހިއްކި ސަރަޙައްދުގައި ހުރި ގުދަންތަކާއި އޮޑިހަރުގެތަކަށްވެސް ގެއްލުންވެފައިވާކަމަށް ތިނަދޫ ކައުންސިލުން ވިދާޅުވެއެވެ.

މިހާދިސާގައި ލިބުނު ގެއްލުންތައް ކަމާގުޅުންހުރި އިދާރާތަކުން ގުޅިގެން ބަލަމުންދާކަމަށް ތިނަދޫ ކައުންސިލުން މަޢުލޫމާތުދެއްވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މިރޭ އިރާކޮޅު ގދ. ތިނަދޫގެ އިތުރުން ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް ހަމަ އެގަދީގައި ވައިގަދަވެ ވަނީ ގެއްލުންތަކެއްވެފައެވެ. ނަމަވެސް ގެއްލުން ލިބުނު ރަށްތަކާއި ލިބުނު ގެއްލުންތަކުގެ ތަފްސީލް އަދި ލިބިފައެއް ނުވެއެވެ.

ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރައިގާއި ލ.އަތޮޅާއި ތިމަރަފުއްޓަށް ވެސް ވަނީ ގެއްލުންތަކެއްވެފައެވެ. މިގޮތުން ތިމަރަފުށީ އެއާރ ޕޯޓުގެ އިމާރާތަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.