ތަޢުލީމު

"ކަލާސް އެވޯޑަށް" ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި


ކުޅިވަރުގެ ދާއިރާއިން ރަން ވަނަތައް ހޯދާ ދަރިވަރުންގެ ކާމިޔާބީ ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ދަރިވަރުންނަށް ދެމުން އަންނަ "ކަލާސް އެވޯޑަށް" ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފިއެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ޖޫންމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުޅުވާލައްވާފައެވެ.

ކަލާސް އެވޯޑް 2016 އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވާފައިވަނީ މިދިޔަ އަހަރު ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވެފައިވާ ދަރިވަރުންނަށެވެ.

އެވޯޑަށް އެދި ހުށައެޅުމަށް ހަމަޖެހިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު އެ ދަރިވަރަކު 2016 ވަނަ އަހަރު ކިޔެވި ސްކޫލަކަށެވެ.

ކުޅިވަރުގެ ރޮނގުން ސްކޫލް ދަރިވަރުން ހޯދާ ކާމިޔާބީތައް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ދެވޭ މި އެވޯޑު މިއަހަރު ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު 13 ކުޅިވަރަކުންނެވެ. އެގޮތުން މި އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ، ފުޓް ބޯޅަ، ވޮލީ، އެތްލެޓިކްސް، ބެޑްމިންޓަން، ފެތުން، ބާސްކެޓް ބޯލް، ކްރިކެޓް، ނެޓް ބޯލް، ޓެނިސް، ޓޭބަލް ޓެނިސް، ހޭންޑް ބޯލް، ކެރަމް އަދި ޗެސްއަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މި އެވޯޑް ދިނުމަށް ހަމަޖެހިފައި ވަނީ ހަތަރު ކެޓަގަރީއަކުންނެވެ. އެއީ 12 އަހަރުން ދަށާއި، 14 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ އިތުރުން 18 އަހަރުން ދަށެވެ.

ކަލާސް އެވޯޑަކީ، ތަރުބަވީ ތަޢުލީމްގެ ތެރެއިން ޒުވާނުން ފަންނީ ދާއިރާތަކަށް ހުނަރުވެރި ކުރުވުމުގެ ސިޔާސަތުގެ ދަށުން ޤައުމީ ފެންވަރުގަ އާއި ބައިނަލް އަޤްވާމީ ފެންވަރުގައި ކުޅިވަރުގެ ދާއިރާއިން ވަނަ ހޯދާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ހިތްވަރުދިނުމުގެ ގޮތުން 2014 ވަނަ އަހަރު ދެއްވަން ފަށްޓަވާފައިވާ އެވޯޑެކެވެ. މިއީ މި އެވޯޑް ދެވޭ ހަތަރު ވަނަ އަހަރެވެ.