އީ ސިގިރޭޓާއި، ޝީޝާ އަދި ވޭޕިނގް ރާއްޖެ އެތެރެކުރުން ކޮންޓްރޯލް ކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް ހެލެތް މިނިސްޓަރ މިނިސްޓަރ ޢަބްދު ﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބުގައި މިނިސްޓަރ ނާޡިމް ވިދާޅުވީ ދުންފަތުގެ އުފެއްދުންތައް ބަންދު ކުރެވިފައި ހުންނަ ފޮށީގެ ބޭރުގައި، އިންޒާރުގެ މެސެޖްތަކުގެ އިތުރުން ދުންފަތުން ލިބޭ ގެއްލުން ދައްކުވައިދޭ މަންޒަރުތައް ޖަހައިގެން ނޫނީ ރާއްޖެ އެތެރެނުކުރެވޭ ގޮތް ހެއްދެވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ޞިއްޙީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޖީލެއް ބިނާ ކުރުމާއި ޒުވާނުން ބާރުވެރިކުރުވައި އެ ޒުވާނުންނަކީ ޤައުމުގެ ތަރައްޤީގެ އެންމެ މުހިއްމު ބައިވެރިންކަމުގައި ހެދުމަކީ ސަރުކާރުގެ އަމާޒެވެ. އަދި ފުރާވަރު ކުދިންނާއި ޒުވާނުން ދުންފަތުގެ އިސްތިޢުމާލުކުރުންފަދަ ޞިއްޙީ ގޮތުން ނުރަނގަޅު އާދަތަކާ ދުރުހެލިކުރުމަށްޓަކައި ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ދުންފަތަށް ދެވިހިފާފައިވާ ފަރާތްތައް އެކަމުން ސަލާމަތް ކުރުމަށްޓަކައި ދޭންޖެހޭ ފަރުވާ ރާއްޖޭގެ ހުރިހާ ހިސާބަކުން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
މިއަހަރުގެ ދުންފަތުގެ އިސްތިޢުމާލް ނުކުރާ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ހެލެތް މިނިސްޓަރ އަބްދު ﷲ ނާޡިމް މިއަދު ދެއްވި ޚިޠާބްގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލް ކުރާ ގިނަ ޢަދަދެއްގެ ޒުވާނުން މިހާރު ބޭނުންކުރަމުން އަންނަ އީ ސިގިރޭޓާއި، ޝީޝާ އަދި ވޭޕިނގް ފަދަ ތަކެތި ރާއްޖެ އެތެރެކުރުން ކޮންޓްރޯލްކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށެވެ. އަދި ރާއްޖެ އެތެރެކުރާ ދުންފަތުގެ އުފެއްދުންތަކުގެ ބޭރުގައި އިންޒާރުގެ މެސެޖްތަކުގެ އިތުރުން ދުންފަތުން ލިބޭ ގެއްލުން ދައްކުވައިދޭ މަންޒަރުތައް ޖަހައިގެން ނޫނީ ރާއްޖެ އެތެރެނުކުރެވޭ ގޮތް ހެއްދެވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށްވެސް މިނިސްޓަރ ނާޡިމް ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިޢުމާލް ނުކުރާ ދުވަހުގެ މުނާސަބަތާއި މިނިސްޓަރ އަބްދު ﷲ ނާޡިމް މިއަދު ދެއްވި ޚިޠާބްގައި އެމަނިކުފާނު ވަނީ ދުންފަތުގެ ސަބަބުން އަމިއްލަ ނަފްސާއި އައިލާގެ އިތުރުން ޤައުމުގެ ކުރިއެރުމަށް ހުރި ހުރަސްތަކަށް ފުންކޮށް ވިސްނާ އެކަމަށް ފަރުދީ ހައިސިއްޔަތު ފިޔަވަޅު އެޅުއްވުމަށް އިލްތިމާސްކުރައްވާފައެވެ. ސިނގިރޭޓް ބޯ މީހެއްގެ ޖީބުން މަހަކު އެތައްހާސް ރުފިޔާއެއް އަންދަމުންދާއިރު ދުންފަތުގެ ސަބަބުން ދިމާވާބޮޑެތި ބަލިތަކުގެ ނަތީޖާއެއްގެ ގޮތުން ދިގުމުއްދަތަށް މަސައްކަތެއް ނުކޮށް ތިބެންޖެހުމުން ތިމާއާއި ޢާއިލާގެ ކުރިއެރުމާއި ތަރަޢްޤީއަށް ހުއްޓުންއަރައެވެ.
ދިވެހިރާއްޖެއަކީ، ދުންފަތުގެ ބާވަތްތައް އުފައްދާ ޤައުމެއް ނޫނެއެވެ. އެހެނަސް ދުންފަތް އެތެރެކޮށް ބޭނުންކުރާ ޤައުމެކެވެ. އެހެންކަމުން ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިން ބޮޑު ނަފާއެއް ލިބެމުންދަނީ ހަމައެކަނި ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކާ މައިގަނޑު މަދު ވިޔަފާރިތަކަކަށެވެ. އެހެން އެންމެނަށް އެކަމުން ލިބެމުންދަނީ ނުހަނުމެ ބޮޑު ގެއްލުމެވެ. ވީމާ، މިއަދު އަޅުގަނޑުމެން މިކަމާ ވަރަށް ހޭލުންތެރިވެ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައާއި އަދި ދުންފަތް ކޮންޓްރޯލް ކުރުމާ މެދު ވަރަށް ފުންކޮށް ވިސްނަން އެބަޖެހެއެވެ.
މިނިސްޓަރ ނާޡިމް ވިދާޅުވީ ފުރާވަރު ކުދިންނާއި، ޒުވާނުން އަދި ޤައުމުގެ މަސައްކަތްކުރާ އުމުރުފުރާގެ ގިނަ ބަޔަކު ދުންފަތުގެ ވިހަ ދުމަށް ހުށަހެޅި، އެމީހުންގެ މުސްތަޤްބަލް ބަނަވެގެންދާތަން ބަލަން ތިބެވެން ނެތްކަމަށެވެ. އަދި ދުންފަތުގެ ވަބާ ދިވެހި ޤައުމު ސަލާމަތްކުރުމަށް އެންމެން ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް މިނިސްޓަރ ނާޡިމް ގޮވާލެއްވިއެވެ.
"އެންމެހާ މައިންބަފައިނާއި މުދައްރިސުންނާއި ސިޔާސީ ފަރާތްތަކާއި މުއައްސަސާތަކުގެ ވެރިންނާއި ޤައުމުދެކެ ލޯބިވާ އެންމެހާ ފަރާތްތަކަށް އަޅުގަނޑު ގޮވާލަނީ އަދި އެފަރާތް ތަކުގެ ކިބައިން އަޅުގަނޑު އެދެނީ ފުރާވަރު ކުދިންނާއި، ޒުވާނުން އަދި ޤައުމުގެ މަސައްކަތްކުރާ އުމުރުފުރާގެ ގިނަ ބަޔަކު ދުންފަތުގެ ވިހަ ދުމަށް ހުށަހެޅި، އެމީހުންނާއި ޤައުމުގެ މުސްތަޤްބަލް ބަނަވެގެންދާތަން ބަލަން އެއްވެސް ކަމެއް ނުކޮށް ތިބުމަކީ އަޅުގަނޑުމެން އެކަކަށްވެސް އޮތް އިޚްތިޔާރެއް ކަމުގައި ޤަބޫލުފުޅު ނުކުރައްވާށޭ،" މިނިސްޓަރ ނާޡިމް ގޮވާލެއްވިއެވެ.
ދުންފަތުގެ ވަބާގައި ޖެހޭ މީހުންގެ އަދަދު މަދުކުރުމަށް ދުންފަތުން ނަގާ ޓެކްސް އިތުރުކޮށް ދުންފަތުގެ ބާވަތްތައް ގެންނަން ލިބޭ އަގު ވަނީ ބޮޑުކޮށްފައެވެ.
ދުންފަތަކީ އޭގެ ބޭނުންކުރާ ފަރާތްތަކަށާއި ދުންފަތުގެ ދުމަށް ހުށަހެޅޭ މީހުންނަށްވެސް ވޭންދެނިވި ބޮޑެތި ބަލިތައް ޖައްސާ ވަބާއެކެވެ.