ކުޅިވަރު

މާޒިޔާ މެޗަށް ޗެތުރީ ފިޓްވެއްޖެ


އޭއެފްސީ ކަޕްގެ ގްރޫޕް އީގެ ފަހު މެޗުގައި މިއަދު މާޒިޔާއާއި ދެކޮޅަށް ކުޅޭ މެޗަށް ކެޕްޓަން ސުނިލް ޗެތުރީ ފިޓްވެއްޖެއެވެ. 

އަނިޔާގެ ސަބަބުން މިއަދު މާޒިޔާއާއި ދެކޮޅަށް ނުކުޅެވިދާނެކަމަށް ބެލެވުނުނަމަވެސް އިއްޔެ ހެދި ފިޓްނަސް ޓެސްޓުން ޗެތުރީއަށް މިއަދުގެ މެޗުގައި ކޯޗަށް ބޭނުންކުރެވޭނެކަންވަނީ ޔަގީންވެފައެވެ. 

މޮޅުވާން މަޖުބޫރު މެޗަކަށް ބެންގަލޫރު އެފްސީ ނިކުންނައިރު އެޓީމްގެ ކޯޗް އަލްބާޓް ރޮކާ ބުނީ މިއަދުގެ މެޗަކީ ފައިނަލެއްކަމަށާއި، ޗެތުރީ ފިޓްވުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. ޗެތުރީއާއިއެކު ސްޕެއިންގެ ފޯވާޑް މާރްޔާން ޒުގޮވިޗްއަށްވެސް މިއަދުގެ މެޗުގައި ކުޅެވޭނެއެވެ. 

"މިއީ ފައިނަލެއް ހަމަ، މެޗަށްފަހު މެޑައްޔެއް ނޫނީ ތައްޓެއް ނުލިބުނަސް މި ފައިނަލަކީ ސީޒަންގެ އެންމެ މުހިންމު ފައިނަލް، ސަޕޯޓަރުން މާޔޫސްވިޔަ ނުދޭނަން" ރޮކާ ބުންޏެވެ. 

ތޭރަ ދުވަހުގެ ތެރޭގައި ހަ މެޗް ކުޅެން ޖެހި ބެންގަލޫރު އެފްސީގެ ގިނަ ކުޅުންތެރިން ތިބީ އަނިޔާގައެވެ. އޭގެތެރޭގައި އިތުބާރު ފޯވާޑް އުދަންތާ ސިންގ ފާހަގަކޮށްލެވެއެވެ. 

މާޒިޔާގެ ކޯޗް މަރްޔާން ސްކުލޯސްކީ ބުނީ މިއަދުގެ މެޗުން ޕޮއިންޓެއް ހޯދައިގެން ފަރުޖައްސާލެވެން އޮތަސް އެޓީމް ނިކުންނަނީ މެޗުން މޮޅުވާންކަމަށެވެ. ޓީމް ފަހަތަށް ޖެހިގެން ނުކުޅޭނެކަމަށާއި، މާލޭގައި ބެންގަލޫރު އަތުން ވި ބަލީގެ ބަދަލް ހިފަން ބޭނުންވާކަމަށް ކޯޗް ބުންޏެވެ. 

"އެއްވަރުކޮށްލައިގެން ދެވަނަ ބުރަށް ދިޔަޔަސް އަހަރުމެން ނިކުންނާނީ މޮޅުވާން، ފަހަތަށް ޖެހިގެން ކުޅެން ބޭނުންމެއް ނުވޭ" މާޒިޔާގެ ކޯޗް ބުންޏެވެ.

ގްރޫޕް އީގެ އެއްވަނާގައި މިވަގުތު ކުރީގައި އޮތީ މާޒިޔާ ތިން ޕޮއިންޓްގެ ލީޑަކާއިއެކުގައެވެ. މިއަދުގެ މެޗުން ބަލިނުވެ ފަރު ޖައްސާލައިފިނަމަ މާޒިޔާއަށް ބެންގަލޫރު ކަޓުވާލުމަށްފަހު ދެވަނަ ބުރުގެ ޖާގައެއް ލިބޭނެއެވެ.

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި މާޒިޔާއާއި ބެންގަލޫރު އެފްސީ ވާދަކުރާ މެޗް ފަށާނީ ރާއްޖެ ގަޑިން މިއަދު އިރުއޮއްސި 6:45 ގައެވެ.