ޚަބަރު

ޓެރަރިޒަމަށް ހިތްވަރު ލިބޭ ވާހަކަދެއްކުމުން ނުރައްކާ އިތުރުވާނެ


ދުނިޔޭގެ އެކި ޤައުމުތަކުން އެޤައުމުތަކުގެ ރައްޔިތުން ދަތުރުކުރާ ޤައުމުތަކާ ބެހޭގޮތުން ޓްރެވެލް އެޑްވައިޒަރީ ނެރުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަކަމެކެވެ. މިފަދަ ޓްރެވެލް އެޑްވައިޒަރީ ނެރެނީ އެޑްވައިޒަރީ ނެރޭ ޤައުމެއްގެ ރައްޔިތުން އެހެން ޤައުމުތަކަށް ދައުތުކުރުމުގައި ސަމާލުވާން ޖެހޭކަމަށް އެޑްވައިޒަރީ ނެރޭ ޤައުމަށް ފެންނަ ކަންކަން ހިމަނައިގެނެވެ. މިސާލަކަށް އިނގިރޭސިވިލާތުން ނެރޭ ޓްރެވެލް އެޑްވައިޒަރީއަކީ އެޤައުމުގެ ރައްޔިތުންގެ ބޭނުމަކަށް އެޤައުމުން ނެރޭ އެއްޗެކެވެ. އެފަދަ ޓްރެވެލް އެޑްވައިޒަރީއެއް އަމާޒުވާ ޤައުމަކުން އޭގައި އޮންނަ އެއްޗެއް މާނަކޮށް، އަމިއްލަ ޤައުމަށް އެ އެޑްވައިޒަރީ އިޢުލާނުކުރުމަށް އިސްނަގައި ހަދަނީ ދިވެހިރާއްޖެފަދަ މަދު ޤައުމަކުންނެވެ.

ދާދިފަހުން އިނގިރޭސިވިލާތުން އެޤައުމުގެ ރައްޔިތުންނަށް އަމާޒުކޮށް ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީއެއް ތަރުޖަމާކޮށް ރާއްޖެއަށް ޓެރަރިސްޓް ޙަމަލާއެއް ދީފާނެކަމުގެ ބިރު އޮތްކަމަށް ބުނެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ދިވެހި ސަރުކާރުން ސީރިއަސްކަމާއެކު ޓެރަރިޒަމާ ދެކޮޅަށް އެހެން ޤައުމުތަކާ ގުޅިގެން ވަރަށް ގާތުން މަސައްކަތްކުރަމުން އަންނަކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އަދުގެ ޔުނިޔޭގައި އެއްވެސް ޤައުމަކީ ޓެރަރިޒަމްގެ ބިރުވެރިކަން ނެތް ޤައުމެއް ނޫންކަމަށެވެ. ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކާ ވަކި އިތުރު ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖެއަކީ އަމާން ތަނެއްކަމަށާއި، ގިނަ ދިވެހިންނަކީ ސުލްހައަށް ލޯބިކުރާ ބައެއްކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއަށް ޓެރަރިސްޓް ޙަމަލާއެއް ދިނުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކުމަކީ ޓެރަރިޒަމްގެ ނުރައްކާ އިތުރުވެދާނެކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ގޮތަކަށް މުޢާމަލާތު ނުކުރުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14842424949414.jpg|ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު- ފޮޓޯ: ޕީއެސްއެމް

އިނގިރޭސިވިލާތުން ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީއަކީ އެހެން ޤައުމަކުން ރާއްޖެއާ ބެހޭގޮތުން ބުނެފައިވާ އެއްޗަކަށް ވީއިރު، މިކަމުގައި އޮތީ ކިހާވަރެއްގެ ތެދެއްތޯ ނުވަތަ ދޮގެއްތޯ ހޯދަން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން މަސައްކަތްކުރީ ކިތައް ފަރާތުންތޯ ބަލާލަންޖެހެއެވެ. އަދި ރާއްޖެއާބެހޭ ޓްރެވެލް އެޑްވައިޒަރީއާއި އެހެން ޤައުމުތަކާ ބެހޭގޮތުންވެސް އިނގިރޭސިވިލާތުން ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީތަކުގައި އޮތް އެއްޗަކާ އަޅައި ކިޔާލުންވެސް މުހިންމެވެ.

މިސާލަކަށް ޔޫރަޕްގެ ޖަރުމަން، ފްރާންސް އަދި އިޓަލީ ފަދަ ޤައުމުތަކާ ބެހޭގޮތުން އިނގިރޭސިވިލާތުން ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީތަކުގައި ވަނީ އެޤައުމުތަކުގައި ޓެރަރިސްޓް ޙަމަލާތައް ދީފާނެތީ ސަމާލުވުމަށެވެ. އަދި އޭޝިއާގެ މެލޭޝިއާ، އިންޑޮނޭޝިއާ، އިންޑިއާ އަދި އެނޫންވެސް ޤައުމުތަކާ ބެހޭގޮތުންވެސް އިނގިރޭސިވިލާތުން ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީތަކުގައިވެސް ވަނީ ހަމަ މިފަދައިންނެވެ. މިކަމުން ހާމަކޮށްދެނީ އިނގިރޭސިވިލާތުން ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީއަކީ ހަމައެކަނި ރާއްޖެއަށް އަމާޒުކޮށްގެން ނުވަތަ ރާއްޖޭގައި ޓެރަރިސްޓް ޙަމަލާއެއްގެ ނުރައްކާ ބޮޑުވެގެން ނެރެފައިވާ އެޑްވައިޒަރީއެއް ނޫންކަމެވެ. އަދި މިއީ ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް ނުރައްކާ އޮތުމާއެކު ބޭރު ޤައުމުތަކަށް ދަތުރުކުރާ އިނގިރޭސިވިލާތުގެ ރައްޔިތުން ސަމާލުވުމަށް އެކި ޤައުމުތަކާ ބެހޭގޮތުން އިނގިރޭސިވިލާތުން ނެރެފައިވާ އެޑްވައިޒަރީތަކެއްކަން އެނގެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުން ދިނުމުގެ ނިޔަތް އޮވެގެން ނުވަތަ ރާއްޖޭގައި އޮންނަ އަމާންކަމާއި ހަމަޖެހުން ނަގާލައިގެން ޙާޞިލްކުރެވިދާނެކަމަށް ދެކޭ ބައެއް ފަރާތްތަކުން ހިތްވަރުދީގެން ރާއްޖެއަށް ފަތުރުވެރިން އައުން މަދުކުރުމަށް ނުވަތަ ފަތުރުވެރިންގެ ހިތްތަކަށް ނުތަނަވަސްކަން ވެއްދުމުގެ މަސައްކަތް އެކި ދުވަސްވަރު ވަނީ ކޮށްފައެވެ. ރާއްޖެއަށް ދަތުރުކުރުމަށް ރައްކާތެރި ނޫންކަން ދޭހަކޮށްދޭން މަސައްކަތްކުރާކަމަށް ބުނާ އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާފަދަ ޤައުމުތަކުގައި ނެތް ނުރައްކަލެއް ރާއްޖެއަށް ނެތްކަން ފާހަގަކޮށްލަންޖެހެއެވެ. އަދި ފަހުގެ ތާރީޚްތަކުގައި އެޤައުމުތަކުގައި ހިނގާފައިވާ ޓެރަރިސްޓް ބައެއް ޙަމަލާތަކަށް ބަލާއިރު ރާއްޖެއަށްވުރެ އެފަދަ ޤައުމުތަކަށް ދަތުރުކުރުން ރައްކާތެރިތޯ ސުވާލު ކުރަންޖެހެއެވެ.