ކުޅިވަރު

ކުރީގެ ފުޓްބޯޅަ ލެޖެންޑުން އެއްތަނަކުން، ހިތްގައިމު މަންޒަރެއް!


އިބްރާހީމް އިސްމާޢީލަކީ އެންމެ ފުރަތަމަ ޤައުމީ ކެޕްޓަނެވެ. ބޭރުގެ ގޭމެއްގައި އެންމެ ފުރަތަމަ ދިވެހި ދިދަ އުފުލައިލި އެތުލީޓެވެ. އިބްރާހީމް ނޫރުއްދީނަކީ އެންމެ ފުރަތަމަ މެޑަލް ހޯދި ޤައުމީ ކެޕްޓަނެވެ. ވިކްޓްރީގެ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު އިބްރާހީމް އިސްމާޢީލް މިއަދު ކެޕްޓަން ބޭންޑް އަޅައިގެން ނިކުތީ ނިއުރޭޑިއަންޓުން ފާހަގަކުރެވުނު އިބްރާހީމް ނޫރުއްދީންގެ ކެޕްޓަންކަމުގެ ދަށުން ނިކުތް ލެޖެންޑުންގެ ޓީމާ ދެކޮޅަށެވެ. 

މިއީ ޙަޤީޤަތުގައިވެސް ވަރަށް އުފާވެރި މަންޒަރެކެވެ. 1978 ވަނަ އަހަރު ޤައުމީ ކެޕްޓަން ބޭންޑް އަޅައިގެން ނިކުތް އިބްރާހީމް އިސްމާޢީލާއި 1984 ވަނަ އަހަރު ލޯ ލެޑަމް ހޯދި ޓީމްގެ ކެޕްޓަން އިބްރާހީމް ނޫރުއްދީން ދެ ޓީމް ގޮވައިގެން ނިކުތް ތާރީީޚީ މެޗްގައި މުޅިންވެސް ފެނުނީ ލެޖެންޑުންނެވެ. އިބްރާހީމް އިސްމާޢީލްގެ ޓީމްގެ މެދުތެރޭގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ މޫސާ މަނިކު (ކުޑަމޫސަ) ޙަރަކާތްތެރިވިއިރު، ނޫރުއްދީންގެ ޓީމްގެ މެދުތެރެ ބެލެހެއްޓީ ފުރަތަމަ ރިހިމެޑަލް ހޯދި ޓީމްގެ ކެޕްޓަން މުޙައްމަދު ކަލީމެވެ. ޤައުމީ ޓީމާއި ނިއުރޭޑިއަންޓްގެ ކެޕްޓަންކަން ކުރި އިބްރާހީމް ރަޝީދާއެކު، ނޫރައްދީން ޓީމްގެ ފަހަތުގައި ހުރީ ނިއުގެ ކެޕްޓަންކަން ކޮށް، ޤައުމީ ޓީމްގެ ފަހަތް ބެލެހެއްޓި އަޙްމަދު ނިޔާޒެވެ. 1970 ގެ އަހަރުތަކުގައި ފާހަގަކުރެވުނު މަޝްހޫރު އުދުހޭ މުފީދުވެސް މެޗުގައި ބައިވެރިވެ، އިބްރާހީމް އިސްމާޢީލްގެ ޓީމަށް ކުޅުނެވެ. މީގެ އިތުރުންވެސް ހީނާ އަޙްމަދު ސަލީމާއި، އިބްރާހީމް ޙަލީމާއި، ލެއްބެ ފަދަ ތަރިން މިއަދުގެ މެޗުގައި ފެނިގެން ދިޔައިރު އެ ކުޅުންތެރިންގެ ސްޕީޑް ނެތްނަމަވެސް ހުނަރުވެރިކަން ފާހަގަކުރެވުނެވެ.

img:http://s1.psmnews.mv/images/660x400/14960716503961.JPG|ޓީމްގެ ކުޅުންތެރިންނާ އެފްއޭއެމްގެ ރައީސް ސަލާމް ކުރައްވަނީ: ފޮޓޯ-ޕީއެސްއެމް

"ޅަ ދުވަހު އެކުގައި ކުޅުނު ގިނަ ކުޅުންތެރިން ފެނުނީމަ ވަރަށް އުފާވޭ. ޙަޤީޤަތުގައި އަލުން ޒުވާން ދައުރަށް އާދެވުމުގެ އިޙްސާސްކުރެވެނީ" މެޗުގެ ތެރެއިން އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.

މި ކުޅުންތެރިންނަށްވެސް އެކަކު އަނެއްކަކާ ބައްދަލުވުމުގެ ފުރުޞަތު ލިބުނީ އަހަރުތަކަކަށް ފަހުގައެވެ. ޚާއްޞަކޮށް ރަށުގައި ދިރިއުޅެމުން މިއަދުގެ މެޗަށް މާލެ އައި އުދުހޭ މުފީދުމެން ފަދަ ކުޅުންތެރިންނެވެ.

img:http://s2.psmnews.mv/images/660x400/14960716741468.JPG|ދެޓީމްގެ ކެޕްޓަނުންނާއި މެޗުގެ ރެފްރީ: ފޮޓޯ-ޕީއެސްއެމް

"އެއްކޮށް ކުޅުނު ވަރަށް ގިނަ ކުޅުންތެރިންތަކެއް ނުފެނި ހުރެފައި ފެނުނީމަ ވަރަށް އުފާވޭ. ވަރަށް ރަނގަޅު ދުވަހެއް މިއީ" އިބްރާހީމް ނޫރުއްދީން ވިދާޅުވިއެވެ.

ކުރިން ކްލަބް ވެލެންސިޔާއިން ފާހަގަކުރެވުނު ޢަބްދުއްޝުކޫރުވެސް ވިދާޅުވީ މިއީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، މެޗުގެ އިތުރުން އެކުވެރިންނާ ބައްދަލުވުމުގެ އުފާ މާބޮޑު ކަމަށެވެ.

img:http://s2.psmnews.mv/images/660x400/14960717049994.JPG|ދެޓީމްގެ ކުޅުންތެރިން: ފޮޓޯ-ޕީއެސްއެމް

"މިއީ އަޅުގަނޑަށް ވަރަށް އުފާވެރި ދުވަހެއް. މެޗު ކުޅުމުގެ އިތުރަށް ކުރީގެ ކުޅުންތެރިންނާ އެކީގައި މިކަހަލަ ބައްދަލުވުމެއް ބޭއްވުމަކީ ކޮންމެ އަހަރަކު ކުރަން ވަރަށް މުހިއްމު ކަމެއް" ޝުކޫރު ވިދާޅުވިއެވެ.

ނިއުއާއި ޤައުމީ ޓީމްގެ ކުރީގެ ކެޕްޓަން އިބްރާހީމް ރަޝީދު (އަންދަރޭ) ފާހަގަކުރައްވާ ގޮތުގައި ކުޅިވަރު ކުޅޭ އެންމެންނަށް މިކަހަލަ ފުރުޞަތު ލިބޭނަމަ ފޯރި އިތުރަށް ގަދަވާނެއެވެ. މުޙައްމަދު ކަލީމް ވިދާޅުވީ މިކަހަލަ ކަމެއް މަދުވެގެން އަހަރަކު އެއްފަހަރު ކުރަން ޖެހޭކަމަށާއި، މިއީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ތަޖުރިބާކާރު ކުރީގެ ކީޕަރު މަޢުރޫފް އަޙްމަދު ޤަބޫލުކުރާ ގޮތުގައި މިއީ ފުޓްބޯޅައިގެ ކުރިމަގަށް ވަރަށްވެސް މުހިއްމު ކަމެކެވެ. މިކަމުގެ ސަބަބުން ހިތްހަމަޖެހުން ލިބި ފުޓްބޯޅައިގެ ފޯރިވެސް ގަދަވާނެއެވެ. 

img:http://s1.psmnews.mv/images/660x400/14960717319245.jpg|ޤައުމީ ޓީމްގެ ހަތަރު ކެޕްޓުން: ފޮޓޯ-ޕީއެސްއެމް

މިއަދުގެ ޚާއްޞަ މެޗު ހަތަރެއް އެކަކުން ކާމިޔާބުކުރީ އިބްރާހީމް އިސްލާޢީލްގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު ޓީމެވެ. މެޗުގައި ފާހަގަކުރެވުނު ޚާއްޞަ އެއްކަމަކީ މެޑަލް ހޯދައިދިން ކެޕްޓަނުންތަކެއް އެއްތަނަކުން ފެނުމެވެ. އިބްރާހީމް ނޫރުއްދީނާއި، އިބްރާހީމް ރަޝީދާއި، މުޙައްމަދު ކަލީމާއި، އައްސަދު ޢަބްދުލްޣަނީއަކީ ރާއްޖެއަށް ފުޓްބޯޅައިން މެޑަލް ހޯދައިން ކެޕްޓަނުންނެވެ. 

img:http://s4.psmnews.mv/images/660x400/14960717601172.jpg|ދެޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުން: ފޮޓޯ-ޕީއެސްއެމް

މެޗުގައި ރެފްރީކަންކުރީ ރާއްޖޭގެ ފުރަތަމަ ފީފާ ދެ ރެފެރީންގެ ތެރެއިން އެއް ރެފްރީއެވެ. ރޮނގު ބެލެހެއްޓީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ލައިސްމަން މުޙައްމަދު ސަޢީދާއި، އަޙްމަދު ޢަބީރެވެ. މެޗު ޝަރަފްވެރިކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް ޢަދީލް ޖަލީލާއި، ކުލަބް ވެލެންސިޔާގެ އެއް ބާނީ ޢަދީލް ޖަލީލާއި ނިއުރޭޑިއަންޓްގެ ބާނީ ކްއީން އަޙްމަދު ވަޙީދެވެ.