ސިއްހަތު

ރަމަޟާން މަހު އެންމެ ގިނަ މީހުންނަށް ދިމާވާ ޞިއްހީ މައްސަލަތައް


ރަމަޟާން މަހު އެންމެ ގިނަ މީހުންނަށް ދިމާވާ ޞިއްހީ މައްސަލަތަކުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ގޭސްޓްރިކް މައްސަލައާއި ހަށިގަނޑުން ފެނާއި ލޮނު މަދުވުމާއި ބޮލުގައި ރިއްސުން ފަދަ މައްސަލަތަކެވެ.

މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ކެއިން ބުއިމުގެ އާދަތަކަށް ބަދަލު ގެނެސް، ހަށިގަނޑަށް ފައިދާ ހުރި ކާބޯތަކެތި ބޭނުންކުރުން މުހިއްމުކަމުގައި ޞިއްޙީ މާހިރުން ފާހަގަކުރައްވައެވެ.

ރޯދަމަހަކީ އެހެން މަސްމަހާ ޚިލާފަށް، ކެއުންބުއިމާއި، ދިރިއުޅުމުގައި އެކި ކަންކަމަށް ހޭދަކުރާ ވަގުތުތަކަށް ބޮޑު ބަދަލުތަކެއް ގެނުވާ މަހެކެވެ. އެގޮތުން އެންމެ ބޮޑު ބަދަލަކީ ދުވާލު ކެއުން ބުއިމާ ދުރުގައި އުޅެން ޖެހުމެވެ. އެހެންކަމުން ރޯދައަށް ހުންނައިރު މިކަންކަމުން ސަލާމަތް ވުމަށްޓަކައި ލަހުން ހާރުކެއުމާއި ރޯދަވީއްލާ ގަޑީގައާއި، ހާރުކާގަޑިތަކުގައި ޞިއްޙަތަށް ފައިދާހުރި ކާނަ ބޭނުން ކުރުމަކީ ކުރެވިދާނެ ކަމެކެވެ. އަދި ރޯދަ ވީއްލުމަށްފަހުވެސް ގިނަގިނައިން ފެނާއި ދިޔާ އެއްޗެތި ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ.

ރާއްޖޭގެ މާޙައުލަކީ ހޫނުގަދަ މާޙައުލެއްކަމުން، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބޭނުންވާނެ ކަމަށާއި، އެކަށީގެންވާ މިންވަރަށް ފެން ނުބޮވޭ ކަމުގައިވާނަމަ، ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަން ނުވަތަ ކުޑަކަމުދާ ނިޒާމުގައި ޖަރާސީމް އުފެދުމުގެ މައްސަލަތައް ދިމާވާނެ ކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ. އަދި ރޯދަމަހު މިފަދަ މައްސަލަތައް މީހުންނަށް ދިމާވާ ނިސްބަތް އިތުރުކަން އެފަރާތްތަކުން ފާހަގަކުރެއެވެ.  

ރޯދަމަހު، ކެއުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ހަކުރު މައްޗަށް ދިއުމުގެ މައްސަލައާއި، ހަކުރު ދަށްވުމުގެ މައްސަލަތައްވެސް ބައެއް މީހުންނަށް ދިމާވާކަން ޞިއްޙީ މާހިރުން ފާހަގަކުރައްވައެވެ. ރޯދައަށް ހުރުމަށްފަހު ރޯދަ ވީއްލާ ވަގުތު އެއްފަހަރާ މާގިނައިން ކެއުމުންވެސް ތަފާތު މައްސަލަތައް ކުރިމަތިވެއެވެ. އެންމެ ގިނަ މީހުންނަށް ދިމާވާ އެއް މައްސަލައަކީ ބަނޑުގައި ވައި ހެދުމެވެ. ގިނަ ޢަދަދަކަށް ތެލާއި ސަރުބީއާއި ހަވާދު އެކުލެވޭ ބާވަތްބާވަތުގެ ކާނާ ބޭނުންކުރުމާއި، ދިޔާއެއްޗިހީގެ ގޮތުގައި ކެފެއިން ހިމެނޭ ބުއިންތައް ބޭނުންކުރުމަކީ ރޯދައަށް ހުންނަ ވަގުތަކުގައި މެއިން ދިލަނެގުންފަދަ މައްސަލަތައް ދިމާވާނެ ކަމެއް ކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ.

މީގެ އިތުރުން ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އުފެދުމަކީވެސް ރޯދަމަހު ޢާއްމުކޮށް މީހުންނަށް ދިމާވާ ކަމެކެވެ. އެހެންކަމުން ޔޫރިން އިންފެކްޝަން ޖެހުން ކުޑަކުރުމަށްޓަކައި ރޭގަނޑުގެ ވަގުތުތަކުގައި އެކަށީގެންވާ މިންވަރަށް ދިޔާއެއްޗިހި ބޭނުންކުރުމަކީ މިކަމަށް ލިބޭނެ ޙައްލެކެވެ.

ރޭގަނޑުގެ ވަގުތުތަކުގައި ބަހާލައިގެން 8 ތައްޓާއި 12 ތައްޓާ ދެމެދު ޢަދަދަކަށް ފެން ބޮވިދާނެއެވެ. އަދި ފެނުގެ އިތުރުން އެކިކަހަލަ ޖޫސް ބޭނުން ކުރެވިދާނެ ކަމަށާއި ޖޫސް ބޭނުންކުރާއިރުވެސް ހަކުރު މަދުން ބޭނުން ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުން މުހިއްމު ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.

ރޯދަމަހެކޭ އެއްފަދައިން އެހެނިހެން މަސްމަހުވެސް ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުން ކުރުމާއި، ހަކަތަ ހުންނަ ކެއުންތައް ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ. އަދި ކަސްރަތު ކުރުމާއި ގިނައިން ފެނާއި ދިޔާއެއްޗެހި ބޭނުން ކުރުމަކީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ކަމެކެވެ.