ޚަބަރު

ޙައްޖު ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓްކުރަން އަންގަވައިފި


މިއަހަރު ޙައްޖަށް މީހުން ގެންދިއުމަށް ހުށަހެޅި ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓްކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އިސްލާމިކް މިނިސްޓްރީއަށް އަންގަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީއަށް އެސީސީން މިގޮތަށް އަންގަވާފައިވަނީ މިއަހަރު ޙައްޖަށް މީހުން ގެންދިއުމަށް ކޯޓާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފައިވާގޮތަށް އަމަލުކޮށްފައިވާކަމަށް ބުނެ ބައެއް ކުނުފުނިތަކުން ހުށައެޅި މައްސަލަ ބެއްލެވުމަށްފަހުއެވެ.

އޭސީސީން ނެރުއްވި ބަޔާނުގައި ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެ މަޢުލޫމާތު ޕްރީ ބިޑް މީޓިންގައި ދީފައިވީނަމަވެސް ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރިއިރު ބޭނުންކޮށްފައިވަނީ ޕްރީ ބިޑް މީޓިންގައި ދީފައިވާ މިންގަނޑާ ތަފާތު މިންގަނޑެއްކަން ލިއުންތަކުން އެނގޭކަމަށެވެ. އަދި ޚިދުމަތުގެ ފެންވަރުގެ ބަޔަށް ޕޮއިންޓް ދިނުމުގައި ކަނޑައެޅި ޖުމްލަ މާކްސް ކަނޑައެޅިގޮތުގެ ތަފްސީލް، ޕްރޮޕޯސަލް ހުށައެޅި ފަރަތްތަކާ ޙިއްސާކޮށްފައި ނުވާކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ބައެއް ބައިތަކުގެ މަޢުލޫމާތު ބިޑު ހުށައެޅި ބައެއް ފަރާތްތަކުން ހުށައަޅާފައިނުވާކަން ފާހަގަކުރެވޭކަމަށާއި، ބިޑު ހުށަހެޅި ބައެއް ފަރާތްތަކަށް ޕޮއިންޓް މަދުން ލިބިފައިވަނީ އެ މަޢުލޫމާތު އެފަރާތްތަކަށް ލިބިފައި ނުވުމުންކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ. އަދި އެމަޢުލޫމާތަކީ ހުށައަޅަންޖެހޭ މަޢުލޫމާތުކަން ނޭނގޭތީ އެ މައުލޫމާތުތައް ހުށައަޅާފައި ނުވުމުން އެކަމުގެ ސަބަބުން ބިޑުގައި ވާދަކުރުމުގެ ހަމަހަމަ ފުރުޞަތު ގެއްލިފައިވާކަން ފާހަގަކުރެވޭކަމަށްވެސް އޭސީސީން އިސްލާމިކް މިނިސްޓްރީއަށް މިއަދު އެންގެވި އެންގެވުމުގައިވެއެވެ.

އެސީސީގެ ނިންމުމުގައި ބުނެފައިވަނީ ބިޑުތަކަށް ޕޮއިންޓް ދީފައިވަނީ ހަމަހަމަ އުސޫލުންކަމަށް ޤަބޫލުނުކުރެވޭކަމަށާއި، މިއީ ވަކިބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމަށް އެކޮމިޝަނަށް ތުހުމަތުކުރެވޭކަމަށެވެ. މީގެ އިތުރުން ހުށައަޅާފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން ތެރެއިން ހަ ކުންފުންޏެއް ޑިސްކޮލިފައިކޮށްފައިވަނީ ބިޑު ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ރަނގަޅަށް ނޫންކަމަށްވެސް އެސީސީގެ ބަޔާނުގައިވެއެވެ.