ދުނިޔެ

އުތުރުކޮރެޔާއިން ބެލަސްޓިކް މިސައިލެއް ތަޖްރިބާކޮށްފި


އުތުރުކޮރެޔާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ތަޖްރިބާކޮށްފިކަމަށް ޚަބަރު ލިބިއްޖެއެވެ.

އުތުރުކޮރެޔާގެ އަވަށްޓެރި ދެކުނު ކޮރެޔާއިން ބުނީ ކުރު ރާސްތާގެ ބެލަސްޓިކް މިސައިލެއް ހޯމަދުވަހުގެ ހެނދުނު އުތުރު ކޮރެޔާއިން ތަޖްރިބާ ކޮށްފައިވާ ކަމަށާ އޭގެ ބައިތައް ކަނޑަށް ވެއްޓުނު މަންޒަރު ފެނިފައިވާ ކަމަށެވެ. ދެކުނު ކޮރެޔާގެ ސިފައިންގެ ޗީފް އޮފް ސްޓާފްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުތުރުކޮރެޔާއިން ބެލިސްޓިކް މިސައިލް ތަޖްރިބާކުރި ވަގުތާއި އެކަމުގެ ތަފްސީލް ރައީސް މޫންޖީ އިން އަށް އަރުވާފައިވާނެ ކަމަށާ އަދި ދެކުނު ކޮރެޔާގެ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށްވެސް ގޮވާލާފައިވާނެ ކަމަށެވެ.

ދެކުނު ކޮރެޔާގެ ބަޔާން ބުނާގޮތުން އުތުރުކޮރެޔާއިން ތަޖްރިބާކުރީ ސްކަޑް މަރުކާގެ ކުރުރާސްތާގެ މިސައިލެކެވެ. މިއީ ގާތްގަނޑަކަށް 450 ކިލޯމީޓަރުގެ ރާސްތާގެ މިސައިލެކެވެ. އެ މިސައިލްގެ އަމާޒުހުރީ ޖައްވާ ދިމާއަށް ކަމަށްވެސް ދެކުނު ކޮރެޔާއިން ބުނެފައިވެއެވެ. ދެކުނު ކޮރެޔާގެ ބަޔާނާ ގުޅިގެން އުތުރުކޮރެޔާ އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. އުތުރުކޮރެޔާއަކީ އެމެރިކާއާއި ދެކުނުކޮރެޔާއަށް ގޮންޖެހުމަށްފަހު ބެލަސްޓިކް މިސައިލް ތަޖްރިބާތައް ވަރަށް ގިނައިން ކުރާ ޤައުމެކެވެ. އުތުރުކޮރެޔާގައި ސްކަޑް މިސައިލްގެ ބޮޑު ސްޓޮކެއް ހުންނާނެ ކަމަށް އަވަށްޓެރި ދެކުނު ކޮރެޔާއިން ބުނެއެވެ.