ޚަބަރު

ޑިމޮގްރަފިކް އެންޑް ހެލްތު ސަރވޭއަށް މަޢުލޫމާތު އެއްކުރުން


އާބާދީއާއި ޞިއްޙަތާ ގުޅުހުންހުރި މިންގަނޑުތަކާއި ޞިއްޙީ ޙާލަތާއި ޚިދުމަތްތައް ދެނެގަތުމަށްޓަކައި ކުރައްވާ ޤައުމީ ދިރާސާގައި މިހާތަނަށް ރާއްޖޭގެ 8 އަތޮޅަކުން މައުލޫމާތު އެއްކޮށް ނިމިފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތް ސަރވޭގެ ނަމުގައި ކުރިޔަށް ގެންދަވާ މި ސަރވޭއަށް މިހާތަނަށް މާލެ ސަރަޙައްދުގެ އިތުރުން، ވ.އަތޮޅާއި ފ.އަތޮޅާއި ދ.އަތޮޅާއި ކޮޅުމަޑުލާއި މުލަކައަތޮޅާއި، އއ.އަތޮޅާއި އދ.އަތޮޅާއި މާލެ އަތޮޅުން މައުލޫމާތު އެއްކޮށްފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

މިދިރާސާގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގެ ޞިއްޙީ ޙާލަތު ދެނެގަނެ މުސްތަޤްބަލުގައި ޞިއްހީ ކަންކަން ކަނޑައެޅުމަށް ބޭނުންވާ މިންގަނޑުތައް ދެނެގަތުމެވެ. މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސަރވޭގައި، އެއްކުރެވޭ މަޢުލޫމާތުތަކުގެ ތެރޭގައި، ދަރިމައިވުމުގެ ސިއްޙަތާއި، ޅަފަތުގައި ކުދިން މަރުވާ ނިސްބަތާއި، އަންހެނުންނާއި ކުޑަކުދިންގެ ކާނާގެ ޙާލަތު ހުރި ގޮތާއި، ގައިން ގަޔަށް އަރާ ބަލިތަކާއި، ނާރާ ބަލިތަކުގެ މަޢުލޫމާތު ހިމެނެއެވެ.

އުމުރުން 15 އަހަރާ 49 އަހަރާ ދެމެދުގެ މީހުންނަށް އަމާޒުކޮށް ކުރިއަށްގެންދާ މި ދިރާސާގައި އެއްކުރެވޭ މަޢުލޫމާތަކީ ސިއްރުވެރިކަމާއެކު ބަލަހައްޓާނެ މަޢުލޫމާތުތަކެއް ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. މިސަރވޭ މިއަހަރު ނޮވެމްބަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސަރވޭ ފެށްޓެވީ މިދިޔަ އަހަރުގެ މާރޗް މަހުގެ 16 ވަނަ ދުވަހުއެވެ. އެންމެ ފަހުން މިދިރާސާ ރާއްޖޭގައި ކޮށްފައިވަނީ 2009 ވަނަ އަހަރުއެވެ.