ސިއްހަތު

ގަން ރީޖަނަލް ހޮސްޕިޓަލުގައި އާރު.އޯ ޕްލާންޓެއް ބަހައްޓަނީ


ލ.ގަން ރީޖަނަލް ހޮސްޕިޓަލުގައި ދުވާލަކު 20 ޓަނުގެ ފެން އުފައްދައިދޭ ފެންވަރުގެ އާރު.އޯ ޕްލާންޓެއް ބެހެއްޓުމަށްޓަކައި ހެލްތު މިނިސްޓްރީން ދެކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ. 

ދައުލަތުގެ ބަޖެޓުން 3.4 މިލިޔަން ރުފިޔާ ޚަރަދުކުރައްވައިގެން ފެށްޓެވި މިމަޝްރޫޢުގެ ދަށުން 5 މަސްދުވަހުގެ ތެރޭގައި އާރު.އޯ ޕްލާންޓުގެ މަސައްކަތް ނިންމާ ޚިދުމަތް ދެވޭ ވަރުވާނޭކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. މިމަޝްރޫޢުގެ ދަށުން، އާރް.އޯ ޕްލާންޓް ހައުސް އިމާރާތް ކުރަން ޙަވާލުކުރައްވާފައިވަނީ، ރައިޒާ ޕްރައިވެޓް ލިމިޓެޑާއެވެ. އެގްރީމެންޓުގައި ސޮއިކުރާތާ 80 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް އެކުންފުންޏާއި މި މަސައްކަތް ޙަވާލު ކުރައްވާފައިވަނީ އެއް މިލިޔަން ހަތަރުސަތޭކަ ސަތާރަ ހާހަށް ވުރެ ގިނަ ރުފިޔާއަށެވެ. 

img:http://s4.psmnews.mv/images/660x400/14960606000558.jpg|ގަން ރީޖަނަލް ހޮސްޕިޓަލުގައި އާރު.އޯ ޕްލާންޓް ބެހެއްޓުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މިއެގްރީމެންޓްގެ ދަށުން ޕްލާންޓް ހައުސް ހެދުމާއެކު، ހޮސްޕިޓަލުގެ ބޭނުންތަކަށް 20 ޓަނުގެ ފެން ރައްކާކުރެވޭ ސްޓޯރޭޖަކާއި ސްޓާފް އެކޮމަޑޭޝަނުގެ ބޭނުންކުރުމަށްޓަކައި 20 ތަނުގެ ފެން ރައްކާކުރެވޭ ސްޓޯރޭޖެއް ޤާއިމް ކުރެވޭނެއެވެ. އަދި ޕްލާންޓް ހައުސް އިން އެކޮމަޑޭޝަނަށް ފެންފޯރުކޮށްދިނުމަށް ބޭނުންވާ ޕައިޕް ލައިން އަޅާ ފެން ޕަންޕު ބަހައްޓައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ލ.އަތޮޅުގައި އާރް.އޯ ޕްލާންޓެއް ޤާއިމް ކުރުމުގެ ގޮތުން ހެލްތު މިނިސްޓްރީން ފެއްޓެވި މަޝްރޫޢުގެ ދަށުން، ފެން ޕްލާންޓް ބަހައްޓަން ޙަވާލުކުރައްވާފައިވަނީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. 125 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މިމަސައްކަތް އެކުންފުންޏާއި ޙަވާލުކުރައްވާފައިވަނީ އެއް މިލިޔަން ނުވަސަތޭކަ އަށްޑިހަ ހަތަރުހާހަށްވުރެ ގިނަ ރުފިޔާއަށެވެ. 

img:http://s2.psmnews.mv/images/660x400/14960606128964.jpg|ގަން ރީޖަނަލް ހޮސްޕިޓަލުގައި އާރު.އޯ ޕްލާންޓް ބެހެއްޓުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މި އެއްބަސްވުމުގެ ދަށުން އާރް.އޯ ޕްލާންޓް ބަހައްޓާ، ޕްލާންޓަށް ބޭނުންވާ ފެން ބިމުގެ އަޑިން ނެގުމަށް ބޭނުންކުރާ ބޯހޯލް ތޮރުފާ، ބްރައިން ވޯޓަރ ޑިސްޗާޖް ޕައިޕް ލައިން އަޅާ، އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމެންޓް ހަދަން ޖެހެއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް ވިދާޅުވީ، ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި ޑައިލަސިސް ހެދުމަށް ބޭނުންވާ ފެން ކުރިން ގެންނަނީ މާންދޫ މަސް ފެކްޓަރީން ކަމަށެވެ. އަދި އެފެކްޓަރީން ފެންގަތުމަށް މަހެއްގެ މައްޗަށް ފަނަރަ ހާސް ރުފިޔާ ޚަރަދުކުރަންޖެހޭކަމަށެވެ. އަދި މިހާރު މިފެށްޓެވި މަޝްރޫޢުގެ ދަށުން ލ.އަތޮޅު ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ފެނުގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިމަޝްރޫޢުއާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމްއެވެ. ރައިޒާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެކުންފުނީގެ ޑިރެކްޓަރ މުޙައްމަދު ފައިސަލް ސޮއިކުރެއްވިއިރު، ސްޓެޓިކް ކޮމްޕެނީގެ ފަރާތުން އެގްރީމެންޓުގައި ސޮއި ކުރެއްވީ، އެކުންފުނީގެ މެނޭޖަރ ޕްރޮޖެކްޓް އޮޕަރޭޝަން، އިބްރާހިމް ޝަހުދު އަޙްމަދުއެވެ.