ޚަބަރު

ރޯދަވީއްލާ ގަޑިއަށް މިސްކިތްތަކަށް ޞަދަޤާތް ކުރުން


މިސްކިތްތަކަށް ޖަމަޢަތުގައި މަޣްރިބު ނަމާދަށް ދާ މީހުންނަށް ރޯދަވީއްލުމަށް ޞަދަޤާތް ކުރުން ފަހުގެ އެހެން އަހަރުތައް ފަދައިން މިއަހަރުވެސް ކުރިޔަށް އެބަގެންދެއެވެ. މާލޭގެ ހުރިހާ މިސްކިތެއްގައި މަޣްރިބު ނަމާދު ވަގުތާ ދިމާކޮށް، ޞަދަޤާތުގެ ގޮތުގައި އެތައް ބާވަތްތަކެއް މިސްކިތްތަކަށް މީހުން ގެންދާކަން މިއަހަރުވެސް ފާހަގަކުރެވެއެވެ.

ދިވެހިންނަކީ މުސްލިމުން ކަމަށްވުމާއެކު ޞަދަޤާތްކުރުމަކީ އަބަދުވެސް ކުރަމުން އަންނަ މުހިންމު ކަމެކެވެ. ދިވެހިންގެ ފޯރުންތެރިކަން އިތުރުވަމުން އަންނަވަރަކުން ޞަދަޤާތްކުރުން އިތުރުކުރަމުން އަންނަކަންވެސް ފާހަގަކުރެވެއެވެ. މިގޮތުން ޞަދަޤާތުގެ ގޮތުގައި ކުރެވޭ ކަންކަމުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއްކަމަކީ ކޮންމެ ރަޟާން މަހަކުވެސް މިސްކިތްތަކަށް މަޣުރިބު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާ މީހުންނަށް ރޯދަވީއްލާނެ ކާބޯތަކެތި ހަދިޔާކުރުމެވެ. ރަމަޟާން މަހުގައި ޞަދަޤާތްކުރުމަކީ އެކަމުގެ ޘަވާބު އިތުރުވާ ކަމެކެވެ. މިކަމުގެ ދަލީލުތައް ޤުރުޢާނާއި ސުންނަތުންވެސް ފެންނަން އެބަހުއްޓެވެ. img:http://s2.psmnews.mv/images/660x400/14674493533332.jpg|މާލޭގެ މިސްކިތެއްގައި ބިދޭސީންތަކެއް ރޯދަ ވީއްލުމުގައި - ފައިލް ފޮޓޯ: ޕީއެސްއެމް

ރަމަޟާންމަހުގެ މަޣްރިބު ނަމާދުގެ ޖަމާޢަތަށްދާ މީހުންނަށް، އެ މިސްކިތެއް ހިމެނޭ ސަރަޙައްދުތަކުގެ މީހުންނާއި ވިޔަފާރިވެރިންނާއި ފޯރުންތެރި އެކި މީހުންގެ ފަރާތުން ރޯދަވީއްލުން އިންތިޒާމްކޮށްދޭތަން ފެނެއެވެ. ގޭގޭގައި ތައްޔާރުކުރާ އެކި ބާވަތުގެ ހެދިކާއާއި ބުއިންތަކާއި އަދި ތައްޔާރީ ބުއިންތަކާއި ކަދުރުފަދަ އެތައް ބާވަތެއް މިސްކިތްތަކަށް ކޮންމެ ދުވަހަކު ހަދިޔާކުރެއެވެ. އަދި އިޖްތިމާޢީގޮތުން މިކަމުގައި އިސްނަގާ މީހުން، ޖަމަޢަތަށް ޙާޟިރުވާ މީހުންނަށް ރޯދަވީއްލުމުގެ އިންތިޒާމްތައް މިސްކިތްތަކުގެ ގޯތިތެރޭގައި ހަމަޖައްސައިދޭންތަން ފެނެއެވެ. އޭގެތެރޭގައި ތަށިފަދަ ތަކެތި ހޯދައިދިނުމާއި ބޮފެނުގެ އިންތިޒާމްތަކާއި ކާބޯތަކެތީގެ ތަރުތީބުގެ ކަންކަމާއި ބޯފެން ލިބޭނެ އިންތިޒާމް ހަމަޖައްސުމާއި އަދި ތަންހަޑިނުވާނެ އިންތިޒާމްތައް ކުރުން ހިމެނެއެވެ.

ރަމަޟާން މަހަކީ އަޅުކަމުގެ ޚާއްޞަ މައްސަރެއް ކަމަށްވުމާއެކު މަޣްރިބު ނަމާދަށްވެސް ގިނަ ބަޔަކު މިސްކިތްތަކަށް ޙާޟިރުވެއެވެ. އަދި ރާއްޖެއަކީ ބިދޭސީންގެ ވަރަށް ގިނަބަޔަކު ވަޒީފާއަދާކުރާ ޤައުމަކަށްވެފައި އެ މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ މުސްލިމުން ހިމެނުމާއެކު އެމީހުން ރަމަޟާންމަހުވެސް ނަމާދަށް ޖަމާޢަތަށް ދާކަން ފާހަގަކުރެވެއެވެ. މިފަދަ ބޭރު ޤައުމުތަކުގެ މެހުމާނުންނަށް ކަމޭހިތައި އެމީހުންނަށް ރޯދަވީއްލުމަށް މިސްކިތްތަކުގައި އިންތިޒާމް ހަމަޖައްސައިދިނުމަކީ ދިވެހިން ޞަދަޤާތުގެ ތެރޭގައި މިހާރު ކުރަމުން އަންނަ މުހިންމު ކަމެކެވެ.

ދިނީ ޢިލްމްވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ރޯދަވީއްލަން ޞަދަޤާތްކުރުމުގެ އިތުރުން ހާރު ކެއުމަށް ޞަދަޤާތް ކުރުމަކީވެސް އެއިން ޘަވާބު އިތުރުވާ ކަމެކެވެ. ދިވެހި ބައެއް ޢާއިލާތަކުން އެ ޢާއިލާތަކުގެ ދުވަހުގެ ރޯދަވީއްލުމަށް ކާބޯތަކެތި ތައްޔާރުކުރުމުގައި މިސްކިތަށް ޞަދަޤާތްކުރުން ހިމެނޭގޮތުން އެއްޗެހި ތައްޔާރުކުރާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިކަމުގައި މުޅި ޢާއިލާ ބައިވެރިވެ، ޒުވާނުންނާއި ކުޑަކުދިންނަށް މުހިންމު ފިލާވަޅުތަކެއް ލިބެމުން އަންނަކަންވެސް ފާހަގަކުރެވެއެވެ.