ޚަބަރު

އިޙްޔާ ފޯރަމްގެ ފުރަތަމަ ޖަލްސާ މިރޭ އޮންނާނެ


ރާއްޖޭގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނާބެހޭ މަޢުލޫމާތު މުއްސަނދިކުރުމުގެ މަޤްޞަދުގައި ކޮންމެ އަހަރެއްގެ ރަމަޟާންމަހު ބާއްވަމުން އަންނަ އިޙްޔާ ފޯރަމްގެ ފުރަތަމަ ޖަލްސާ މިރޭ އޮންނާނެއެވެ.

މި ޖަލްސާ އޮންނާނީ ކޮންމެ ހޯމަ ވިލޭރެއަކާއި، ހުކުރު ވިލޭރެއްގައި އިސްލާމީ މަރުކަޒުގައެވެ. މި ޖަލްސާ ޕީއެސްއެމްގެ ޓީވީ އާއި ރެޑިއޯ ޗެނަލްތަކުން ވަގުތުން ގެނެސްދޭނެއެވެ. ރަމަޟާމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ޕްރޮގްރާމް ބޭއްވުމުގެ މަޤްޞަދަކީ ރަމަޟާން މަހަކީ ކީރިތި ޤުރުއާނުގެ މައްސަރުކަމަށްވާތީ އެމަހުގެ ދަރުމައާއި ސަވާބު ހޯދުމުގެ މަގުފަހިކޮށްދީ، ދީނުގެ އުޞޫލުތަކާ ޙުކުމްތަކާ ބެހޭގޮތުން ކަންކަން އޮޅުންފިލިވައިދިނުމެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ޕްރޮގްރާމްގައި ކޮންމެ އަހަރަކުވެސް ރާއްޖޭގެ ވާއިޒުންނާއި ޤާރީންނާއި ދީނީ ޢިލްމުވެރިން ވާހަކަދައްކަވައެވެ. މި ރަމަޟާން މަހުވެސް ރާއްޖޭގެ ދީނީ ޢިލްމުވެރިން ގިނަ މަޢުޟޫތަކަށް ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮގްރާމް އަޑުއެހުމުގެ ފުރުޞަތު އޮންނާނީ ޢާންމުކޮށް ހުޅުއްވާލައްވާފައެވެ.