ޚަބަރު

އަތޮޅުތަކަށް ވާއިޒުން ފޮނުއްވުމުގެ މަސައްކަތް ދަނީ ކުރެވެމުން


މި ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި ދީނީ ނަސޭޙަތް ދެއްވުމަށްޓަކައި ވާޢިޒުން އަތޮޅުތަކަށް ފޮނުއްވަމުން ގެންދަވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މިއަހަރު ރާއްޖެއިން ބޭރުން ވާއިޒުން ގެންނަވާފައި ނުވާކަމަށާއި، މި ރަމަޟާން މަހު ވާއިޒުންގެ ގޮތުގައި ތިއްބަވަނީ ހަމައެކަނި ރާއްޖޭގެ ވާޢިޒުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އިސްލާމިކް މިނިސްޓްރީގައި އެކަމަށް ޚާއްޞަ 6 ވާޢިޒުންނާއި ރާއްޖޭގެ ދީނީ ޢިލްމުވެރިން ކަމަށެވެ. ރަށްރަށުގެ ކައުންސިލްތަކުން އެދެމުންދާ މިންވަރަކުން ރާއްޖޭގައި ތިއްބެވި ވާޢިޒުން ރަށްރަށް ފޮނުވަމުން އަންނަކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ބޭރުން މިއަހަރު ވާޢިޒުން ނުގެންނެވިނަމަވެސް ރާއްޖޭގެ މިސްކިތްތަކުގައި ޚަތިމްކޮށް، ޙިފްޟުކޮށް ތަރާވީޙް ނަމާދު ކުރުމަށް ސޫދާނުގެ ޢިލްމުވެރިން ޙަރަކާތްތެރިވަމުން އަންނަކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި ރަމަޞާން މަސް ފިޔަވައި ކޮންމެ އަހަރަކުވެސް މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމަށްޓަކައި ރާއްޖެއިން ބޭރުގެ ވާޢިޒުން ގެންނަވައެވެ.