ޚަބަރު

ރޭ ކަރަންޓް ކެނޑުނީ ބޮޑު 2 އިންޖީނު ނިވިގެން - ސްޓެލްކޯ


މާލޭގެ ބޮޑު ބަޔަކުން ރޭ ކަރަންޓްގެ ޚިދުމަތް މެދުކެނޑުނީ، ހައިވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން 17 ހާސް ކިލޯ ވޮޓްގެ ކަރަންޓް އެއްފަހަރާ ކެނޑިގެންކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.މާލޭގެ ތިންބައިކުޅަ ދެބަޔަށްވުރެ ބޮޑު ބަޔަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވި މައްސަލައާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުއްޝުކޫރު ޞާލިޙް ވިދާޅުވީ، ރޭ މާލޭގެ ބޮޑު ސަރަޙައްދަކުން ކަރަންޓް ކެނޑެން މެދުވެރިވީ އަލަށް ގެނެސްގެން ޚިދުމަތްދޭން ފަށަން ތައްޔާރުވަމުންދާ 8 މެގަވޮޓްގެ ޖަނަރޭޓަރު ޓެސްޓުކުރުމުގެ މަސައްކަތާ ގުޅިގެން އެކަނި ނޫންކަމަށެވެ. އެމައްސަލަ ކުރިމަތިވީ އަހިވޯލްޓޭޖް ކޭބަލެއް ގްރައުންޑުވުމާއެކު، ދެންހުރި އެންމެ ބޮޑު ޖަނަރޭޓަރުތަކަށް ލޯޑު ނުހިފެހެއްޓިގެންކަމަށްވެސް އަބްދުޝުކޫރު ވިދާޅުވިއެވެ. ޢަބްދުއްޝުކޫރު ޞާލިޙް ވިދާޅުވީ، ކުރިމަތިވި މައްސަލައަށް ކުންފުނީގެ ޓެކްނިކަލް ފަރާތްތަކުގެ މަސައްކަތުން ވަގުތީ ޙައްލެއް ގެނެވިފައިވާކަމަށާއި، ދިމާވި މައްސަލަ މާދަމާގެ މެންދުރެއްހާއިރަށް މުޅިން ޙައްލުކުރެވޭނެކަމަށެވެ. ކޭބަލަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މައްސަލަ މުޅިން ހައްލުވަންދެން ލޯޑް ބޮޑުވާ ބައެއް ވަގުތުތަކުގައި ބައެއް ސަރަޙައްދުތަކުން ކަރަންޓް ކެނޑުން އެކަށީގެންވާކަމަށްވެސް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. ސްޓެލްކޯގައި ކަރަންޓްގެ ކަންކަން ޕްރޮގްރާމް ކުރެވިފައި ހުންނަ ގޮތުން މައްސަލައެއް ދިމާވުމުން ޖަނަރޭޓަރުތަކަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ގިނަ ސަރަޙައްދުތަކުން ކަރަންޓްގެ ޚިދުމަތް ކެނޑިދާނެކަމަށާއި، އަލަށް ބަހައްޓާ ޖަނަރޭޓަރާއެކު އެކަންކަމަށްވެސް ޙައްލު ލިބޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި އަލަށް ބަހައްޓާ ޖަނަރޭޓަރު ޚިދުމަތުގައި ބޭނުންކުރަން މަހެއްހާ ދުވަސް އަދި ނަގާނެކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ. އެކުންފުނިން މާލެއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދަނީ، ދަރުބާރުގެއާއި ހިސާބުން ފެށިގެން ޓޯޔާޑާ ހަމައަށް އޮތް ސަރަޙައްދުގައި 27 ޖަނަރޭޓަރު ބަހައްޓައިގެންނެވެ.