ޚަބަރު

ޝަރުޢީ ކޯޓުތަކުން ރޯދަމަހު ޚިދުމަތްދޭ ގަޑިތައް ކަނޑައަޅުއްވައިފި


މި ރަމަޟާން މަހާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު، ޝަރުޢީ ކޯޓްތަކުން ޚިދުމަތްދޭނެ ގަޑިއަކީ ހެނދުނު 10 އިން މެންދުރުފަހު 2 އަށްކަމަށް ޝަރުޢީ ދާއިރާއިން ކަނޑައަޅުއްވައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވީ، ޝަރުޢީ ދާއިރާގެ ރަސްމީ ގަޑި ކަނޑައަޅުއްވާފައިވަނީ، ސަރުކާރުގެ ރަސްމީ ގަޑިއަކީ މިވަގުތުތައްކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާތީކަމަށެވެ. މިރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު ކޯޓުތަކުން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ޚިދުމަތް ދެވޭނީ މި ވަގުތުތަކުގައި ކަމަށް ޖުޑީޝަރީން ވިދާޅުވެއެވެ. އެހެންނަމަވެސް ކުރިއެކޭވެސް އެއްގޮތަށް، ރަސްމީ ގަޑީގެ ބޭރުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، ބަންދުގެ އަމުރު ނެރުންފަދަ ކަންކަން ކޯޓްތަކުގައި ކުރިއެކޭވެސް އެއްގޮތަށް ކުރިއަށްގެންދަވާނެއެވެ.

ޝަރުޢީ ދާއިރާއަކީ ސަރުކާރުގެ ބާރުން އެއްކިބާވެފައިވާ މިނިވަން މުސްތަޤިއްލު ބާރެއް ކަމުން، ކޯޓްތަކުގެ ރަސްމީ ގަޑި ކަނޑައެޅުމާއި، އެހެނިހެން ނިންމުންތައް ނިންމެވުމުގެ ބާރު ޝަރުޢީ ދާއިރާއަށް ލިބިވަޑައިގެންފައިވެއެވެ. އެހެންނަމަވެސް ރަމަޟާންމަހު ކޯޓްތަކުގެ ރަސްމީ ގަޑިކަމުގައި ޝަރުޢީ ދާއިރާއިން ޢާންމުގޮތެއްގައި ކަނޑައަޅުއްވަނީ، ސަރުކާރުގެ ރަސްމީގަޑިއެވެ.