ޚަބަރު

"މާލްދީބް"ގެ ނަމުގައި ޓީވީއެމް ޢިމާރާތުގައި ފިހާރައެއް ހުޅުވައިފި


ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ އެކި ޗެނަލްތަކުގެ ކުރިއާއި މިހާރުގެ ޕްރޮގްރާމްތައް އެންމެ ފަސޭހައިން ރައްޔިތުންނަށް ލިބޭނެ މަގުތަނަވަސްކޮށްދިނުމަށް ޓެލެވިޜަން މޯލްޑިވްސް ޢިމާރާތުގައި މިއަދު ފިހާރައެއް ހުޅުވައިފިއެވެ. 

މާލްދީބް ނަމުގައި މި ފިހާރަ ހުޅުވައިދެއްވީ ޓީވީ މޯލްޑިވްސްގެ އެންމެ ދުވަސްވީ މުވައްޒަފު އަދި ޑިޖިޓަލް އެންޑް އާރކައިވް މެނޭޖަރ މުޙައްމަދު ނަޒީރެވެ. 

ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ ޤާނޫނުގައި އެކުންފުނީގެ އާރކައިވް ނުވަތަ ޢަރުޝީފްގައި ހުރި ޕްރޮގްރާމްތައް ރައްޔިތުންނަށް ވީހާވެސް ފަސޭހައިން ލިބޭނެ ނިޒާމެއް ޤާއިމްކުރުން ލާޒިމްކުރެއެވެ. ޕީއެސްއެމްގެ އާރކައިވްގައި ބައި ގަރުނަށްވުރެ ގިނަ ދުވަސްވީ އުފެއްދުންތައް އެބަހުއްޓެވެ. ޓެލެވިޜަން މޯލްޑިވްސްއިން ރައްޔިތުންނާ ހަމައަށް ގެނެސްދިން ގިނަ އުފެއްދުންތަކަކީ ޢާންމުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބުނު އުފެއްދުންތަކެކެވެ. 

އޭގެތެރޭގައި ދިރއުޅުމަކީ މިއީބާ؟، ސަޅިބައިސާ ސީރީސް، ބަހަބަރު، މާބުރުގެ އުސޫލް، މާމުއިހަނދު، ހިމެނެއެވެ. 

އަދި މުޙައްމަދު ރަޝާދާއި، އަބްދުﷲ ޙުސައިން، ނައިފަރު ދޮހޮއްކޮގެ ލަވަތަކާއި މަދަހަތައް ހިމެނެއެވެ. މީގެ އިތުރަށް ޤައުމީ ލަވައާއި މަދަހަތަކާއި، އެހނދާނުގައި ލަވަތަކާއި، ޕީއެސްއެމްގެ އެންމެ ފަހުގެ ފްރަންޗައިޒް އުފެއްދުންތަކާއި، މިނޫންވެސް ޢާންމުން ބޭނުންވާ އުފެއްދުންތައް ފަސޭހައިން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. 

ޕީއެސްއެމްގެ ހުރިހާ އުފެއްދުންތަކާއި އާރކައިވްތައް ފަސޭހައިން ރައްޔިތުންނަށް ލިބޭނެ މަގުތަނަވަސްކޮށްދިނުމަށް ޓެލެވިޜަން މޯލްޑިވްސް ޢިމާރާތުގައި ހުޅުވި މާލްދީބް ފިހާރަ ހުޅުވައިދެއްވީ އެންމެ ގިނަދުވަސްވީ މުވައްޒަފް ޑިޖިޓަލް އެންޑް އާރކައިވް މެނޭޖަރ މުޙައްމަދު ނަޒީރެވެ. ޓެލެވިޜަން މޯލްޑިވްސްގެ ޙަޔާތުގައި ތިރީސް ނުވަ އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، ނަޒީރު މި ކުންފުނީގައި ވަޒީފާ އަދާކުރައްވާތާ ވަނީ ތިރީސް އަށްއަހަރުވެފައެވެ.

ޕީއެސްއެމްގެ ޑިރެކްޓަރ އީކޮމާރސް އެންޑް މާރކެޓިންގ އިބްރާހީމް ނަޞްރީން ވިދާޅުވީ ޕީއެސްއެމްގެ އާރކައިވްގައި ފަންސާސް އަހަރަށްވުރެ ގިނަ ދުވަސްވީ އުފެއްދުންތައް އެބަހުރިކަމަށާއި، އެ ހުރިހާ އުފެއްދުންތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ. ނަސްރީން ވިދާޅުވީ، ޕީއެސްއެމްގެ އުފެއްދުންތައް ފަސޭހަކަމާއެކު މި ފިހާރައިން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ. ޓެލެވިޜަން މޯލްޑިވސްގެ އެންމެ ކުރީގެ އުފެއްދުންތަކުން ފެށިގެން އެންމެ ފަހުގެ އުފެއްދުންތައްވެސް ލިބެން ހުންނާނެކަމަށާއި، އެންމެ ކުރީގެ ފުޓުބޯޅަ މެޗްތަކުގެ އާރކައިވްވެސް މި ފިހާރައިން ލިބެން ހުންނާނެކަމަށެވެ. 

ޕީއެސްއެމްގެ ތަޞައްވުރަކީ، އެ ކުންފުނީގެ އުފެއްދުންތަކަށް ޚާއްޞަ ފިހާރައެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީ ފްރީގައި ހުޅުވުމެވެ. މިކަމުގެ ބޭނުމަކީ ރާއްޖޭގެ މައި ދޮރާށިން އެތެރެވާ ފަތުރުވެރިންނަށް ދިވެހިންގެ އުފެއްދުންތެރިކަމާއި އާދަކާދައާއި ވައްޓަފާޅީގެ ޑޮކިއުމަންޓްރީތަކާއި ވީޑިއޯ ލިބޭނެ މަގު ތަނަވަސްކޮށްދީ ރާއްޖެ އިޝްތިހާރުކުރުމެވެ.